ހައްޖާއި އުމްރާވެރިން ރާއްޖެ ގެންނަން ބޭނުންވާ ސާމާނާއި ތަކެތި ސަޢޫދީ އަރަބިއްޔާގެ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖައްސަފިއެވެ.
މި ކަމާ ގުޅިގެން އިއްޔެ ވަނީ ސަޢޫދީ ޕޯސްޓާ މޯލްޑިވްސް ޕޯސްޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީގް ވިދާޅުވީ އެ އެއްބަސްވުން ތަންފީޒުކުރުމަށް ޓަކައި ދެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.
އެގޮތުން ޝަފީގް ފާހަގަކުރެއްވީ ހައްޖާއި އުމްރާވެރިންނަށް ދާގީނާއެއްގެ ޖުމްލަ ބަރުދަން 30 ކިލޯއަށްވުރެ ބަރުވެގެން ނުވާނެ ކަމަށެވެ. އަދި އެ އަދަދަށްވުރެ ބަރުނުވާނޭ ގޮތެއްގެ މަތިން ޕޯސްޓު ކުރުމުގެ ޚިދުމަތް ލިބިގެންދާނެގޮތް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
“ހައްޖާއި އުމުރާއަށްދާ ކޮންމެ ބޭފުޅަކަށް ވެސް ގެންދޭވޭނީ 30 ކިލޯގެ މުދާ. އަދި މި ޕެކޭޖްތަކުގެ އަގުތަކަކީ ވެސް އެއާލައިންތަކުން ދޭ ކޮމާޝަލް އަގުތަކަށްވުރެ އެތައް ގުނައެއް ހެޔޮ އަގުތައް,” ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކުރެވޭ ޕޯސްޓަލް އައުޓްލެޓްތަކުގެ މައްކާ އަދި މަދީނާގެ ލޮކޭޝަންތަކާއި، ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ހައްޖު ކޯޕަރޭޝަނާއި ވަރަށް އަވަހަށް ހިއްސާކުރެވޭނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ހައްޖުވެރިން ރާއްޖެ ގެންނަން ބޭނުންވާ ތަކެތި ގެނައުމަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

