ތިމާ އެދޭކަމެއް ﷲގެ ޙަޟްރަތުގައި ދެންނެވުމުގެ އިތުރަށް ދުޢާކުރުމަކީ އޭގެ ޒާތުގައި ކުރެވޭ އަޅުކަމެއްވެސް މެއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އިރުޝާދުން ހާމަވާގޮތުގައި ގިނަގިނައިން ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ މީހުންނަށް އެކަލާނގެ ރުހިވޮޑިގަންނަވައެވެ. ﷲގެ ޙަޟްރަތުން ކަންތައްތަކަށް ނޭދޭ މީހުންނަށް އެކަލާނގެ ރުހިވޮޑިގެންނެއް ނުވެއެވެ.
ދުޢާކުރުމުން އަޅާއާއި އޭނާގެ ވެެރިރަސްކަލާނގެ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ދެމެދުގައިވާ ގުޅުން އިތުރުވެގެންދެއެވެ. ހަމައެހެންމެ ހުރިހާ ވަގުތެއްގައިވެސް ﷲތައާލާ އާ ގާތުގައި އެކަލާނގެ ފެނިފެނި ހުރެވޭކަމުގެ އިޙްސާސް ކުރެވޭގޮތްވެއެވެ.
ދުޢާކުރަންވީ ހަމައެކަނި ދަތިކަމެއް ކުރިމަތިވީމާ އެކަމަކުން ސަލާމަތް ވުމަށް އެދިގެންނެއްނޫނެވެ. ނުވަތަ ވަކިއެއްޗަކަށް ނޫންނަމަ ވަކިކަމަކަށް އެދިގެންނެއް ނޫނެވެ. އުފާވެރިކަމުގެ ޙާލުގައިވެސް، ހަމަޖެހިގެން އުޅޭވަގުތުތަކުގައިވެސް ދުޢާ ކުރަން ޖެހޭނެއެވެ. އަދި ކީއްހެއްޔެވެ.
އިމާޟު ތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވާގޮތުން މުޞީބާތެއްގެ ވަގުތުގައްޔާއި ދަތިކަންތަކެއް ދިމާވާ ވަގުތުގައި ދުޢާކޮށްގެން މާތް ﷲއޭނާ އެކަންތަކުން ސަލާމަތް ކޮށްދެއްވާ މީހާ އުފަލުގައި އުޅޭއިރު ދުޢާކުރުން އިތުރު ކުރަން ޖެހޭނެއެވެ.
ދުއާ އަކީ ތިމާގެ ސަލާމަތީ އައްޑަނަ ކަމުގައި ހަދާށެވެ. ދުޢާއަކީ މުސްލިމުންގެ ސިލޭހައެވެ. ދުޢާކުރުމަކީ އާދައަކަށް ހަދަމާތޯއެވެ.
ރަމަޟާންމަހުގެ ރޯދަވެރިޔާއަށް ލިބިގެންވާ އެންމެ ބޮޑު ނިއުމަތުގެ ތެރެއިން އެއް ނިއުމަތަކީ އޭނާގެ ދުއާ ﷲ ތައާލާ އިޖާބަކުރައްވާނެކަމުގެ އުފާވެރިކަމެވެ. އެހެނީ ރޯދަވެރިޔާގެ ދުއާ އަކީ އިޖާބަކުރެވޭނޭ ދުއާއެެކެވެ. ހަމައެހެންމެ ރޯދަ ވީއްލާހިނދު ކުރާ ދުއާ ﷲ ތައާލާ އިރާދަކުރައްވައިފިހިނދު، އިޖާބަކުރައްވަތެވެ. އެހެންކަމުން ގިނަގިނައިން ދުއާ ކުރުންހުއްޓެވެ.