ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާސޫސްކުރައްވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއިން ނިކުމެވަޑައިގެން ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވި ކަމަށް ފެތުރި ހަބަރު އެމަނިކުފާނު މިއަދު ދޮގުކުރައްވައިފިއެވެ.
ޗެނެލް 13އިން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ނައިބު ރައީސަށް ޖާސޫސް ކުރާތީ އެކަމާ އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގެން ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ އެޕާޓުމެންޓަކަށް ބަދަލުވެވަޑައިގެންނެވި ކަމަށް ބުނެ ހަބަރު ފަތުރައިފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނައިބު ރައީސް ހުސައިން މިއަދު އެކްސްގައި ކުރެއްވި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވަނީ އެ ފަދަ ދޮގުތައް ހަދައި މުޖުތަމައު ފަސާދަ ކުރުން ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ.
ޗެނެލް 13އިން ރިޕޯޓުކޮށްފައި ވަނީ، ނައިބު ރައީސް ބައްދަލު ކުރައްވާ ބޭފުޅުންނާއި ފޯނަށް ގުޅުއްވާ އަދި މެސެޖު ކުރައްވާ ބޭފުޅުންވެސް ޑރ. މުއިއްޒު ބައްލަވާ ކަމަށެވެ. އަދި އެކަން ކުރައްވަނީ ހިލާލީގޭގެ ޗީފް އޮފް ސްޓާފަށް ޑރ. މުއިއްޒުގެ އާއިލާ ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު ކަމަށްވެސް އެ ޗެނަލުން ރިޕޯޓުކުރިއެވެ.
ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާ ބޭފުޅުން އާންމުކޮށް ދިރިއުޅުއްވަނީ ހިލާލީގޭގައެވެ. މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ދިރިއުޅުއްވީ އެ ގޭގައެވެ. އެހެންނަމަވެސް، ހިލާލީގޭގައި މަރާމާތް ފަދަ މަސައްކަތް ކުރާ ދުވަސްތަކުގައި އެހެން ތަންތަނުގައިވެސް ދިރިއުޅުއްވިއެވެ.

