އެމްޑީޕީ ގައުމީ މަޖިލީހަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް އެކަނި ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި ނަޝީދު ބުނެފައިވަނީ އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން “ބަރުލަމާނީ ނިޒާމް” އަށް ތާއީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް ތާއީދު ކުރާ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ބަރުލަމާނީ ނިޒާމު ގެނައުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސް ސޯލިހުއަށް ޕެޓިޝަނެއް ހުށަހަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވާ ކަހަލަ މޭރުމަކުން ރައީސް ސޯލިހު ވަނީ އެކި ޖަލްސާތަކުގައި ވާހަކަ ދައްކަވާފައެވެ.