ތުރުކީގެ އެޖިއަން ކަނޑުގައި އޮންނަ ގޯކްޗިއެޑާ ނަމަކަށް ކިޔާ ރަށެއް ކައިރިން ހިޖުރަވެރިން ގޮވައިގެން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، 22 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
ތުރުކީގެ ކޯސްޓްގާޑަށް ހަތް ކުޑަކުދިންނާއެކު 22 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް އެގައުމުގެ ގަވަރުނަރުގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ހާދިސާގައި މަރުވި މީހުންނާއި ގުޅޭ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ގަވަރުނަރު އިލްހާމީ އަކްތާސް ދައުލަތުގެ އަނަޑޯލޫ އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ތުރުކީގެ ކޯސްޓްގާޑުން ޗަނައްކަލޭ ޕްރޮވިންސްގެ އެޗިއަބަތު އަވަށުގެ ކަނޑުމަތިން ދެ މީހަކު ސަލާމަތްކޮށްފައިވާ އިރު، އިތުރު ދެ މީހަކުވަނީ އަމިއްލައަށް ރައްކާތެރި ހިސާބަކަށް ގޮސްފައެވެ.
ތުރުކީގެ އޮފިޝަލުން ބުނީ ބޯޓު ބަންޑުން ޖަހާފައިވަނީ ރޭގަނޑު ކަމަށާއި ގިނަ އެމްބިއުލާންސްތަކެއް ގޮކްޗިއެޑާ ކައިރީގައި އޮންނަ ކަބަޓޭޕޭ ބަނދަރު ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އެއް މަތިންދާބޯޓާއި، ދެ ހެލިކޮޕްޓަރާއި ،އެއް ޑްރޯން އާއި، 18 ބޯޓުގެ އިތުރުން 502 ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ތުރުކީގެ ކޯސްޓްގާޑުން ބުނީ މި ހަފުތާ ފެށުނީއްސުރެ ގްރީސް އަށް އެތެރެވާން އުޅުނު އެތައް ސަތޭކަ ބަޔަކު ސަލާމަތްކޮށް ގިނަ ބަޔަކު ހުއްޓުވާފައިވާ ކަމަށެވެ.

ތުރުކީގެ އޮފިޝަލުން ބުނީ ބޯޓު ބަންޑުން ޖަހާފައިވަނީ ރޭގަނޑު ކަމަށާއި ގިނަ އެމްބިއުލާންސްތަކެއް ގޮކްޗިއެޑާ ކައިރީގައި އޮންނަ ކަބަޓޭޕޭ ބަނދަރު ސަރަހައްދަށް ގޮސްފައިވާ ކަމަށް — ފޮޓޯ: އޭއެފްޕީ މެދުވެރިކޮށް ޑެމިރޯރެން ނިއުސް އެޖެންސީ
ތުރުކީގެ ހުޅަނގު އައްސޭރިފަށުން ގްރީސްގެ ރަށްރަށަށް ގޮސް ޔޫރަޕިއަން ޔޫނިއަންގެ މުއްސަނދި ގައުމުތަކަށް ދިއުމަށް ގިނަ ހިޖުރަވެރިން މަސައްކަތް ކުރާއިރު، ނުރައްކާތެރި ކަނޑު ހުރަސްކުރުމުގައި އެތައް ބަޔަކު މަރުވެއެވެ. 2017 ވަނަ އަހަރުން ފެށިގެން މެޑިޓެރޭނިއަން ކަނޑުން މިހާތަނަށް 3،129 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވެއެވެ. މިއީ ހިޖުރަކުރާ މީހުންނާއި ރެފިއުޖީންނަށް ވަރަށް ނުރައްކާތެރި މަގެއް ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް ހިޖުރަކުރުމަކީ ޒަމާނުއްސުރެ ސައިޕްރަސްގެ މައްސަލައިގައި ދެބަސްވުން އުފެދިފައިވާ ނޭޓޯގެ މެމްބަރުން ކަމުގައިވާ ތުރުކީއާއި ގްރީސްއާ ދެމެދުގައި އޮންނަ މައްސަލައެކެވެ. ގްރީސް އިން ވެސް ތުރުކީން ހިޖުރަކުރާ މީހުން އެމީހުންގެ ޖޮއިންޓް ބޯޑަރު ކަނޑުމަގުން ހުރަސްކުރާކަމުގެ ތުހުމަތު ކުރެއެވެ. އޭގެ ބަދަލުގައި އަންކާރާ އިން ވަނީ އެތެންސް އިން ގަވައިދާ ހިލާފަށް ހިޖުރަކުރާ ބޯޓުތައް ދަތުރު ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. މާލީ އެހީތެރިކަމާއި އެހެނިހެން ބޭނުމުގައި އީޔޫގެ ހިމާޔަތް ހޯދަން މީހުން އައުން ހުއްޓުވުމަށް ތުރުކީން ވަނީ 2016 ވަނަ އަހަރު އީޔޫއާ އެކު އެއްބަސްވުމެއް ހަދާފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ ޑިސެމްބަރު މަހު އެތެންސްއަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީ އާއި ގްރީސްގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ގުޅުން ބަދަހިކުރުމަށްޓަކައި ގަވާއިދާ ހިލާފަށް ހިޖުރަކުރުން ފަދަ މައްސަލަތަކަށް މަޝްވަރާގެ ޒަރިއްޔާއިން ހައްލު ހޯދުމަށް ވަނީ އެއްބަސްވެފަ އެވެ. މެއި މަހު ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޯޓަކިސް އަންކާރާއަށް ކުރައްވާ ދަތުރުފުޅުގައި ގަވާއިދާ ހިލާފަށް ހިޖުރަކުރުމުގެ މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

