ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާގައި ބަންދުގައި ހުރިމީހާ ދޫކުރީ ކޯޓުން ކަމަށާއި، ސަރުކާރުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޫކުރުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލުމުން ދާތީ އެކަން ސާފުކުރަންވެސް ބޭނުންވާ ކަމަށެވެ. އެކަމަކީ ކޯޓްގެ ނިންމުމެއް ކަމަށާއި، ސަރުކާރުގެ ނިންމުމެއްނޫން ކަމަށެވެ.
އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
މީހެ އިތުރުން ވިދާޅުވީ ވާނުވާ ބަންދުގައި ޖަލުގައި މީހުން ބޭތިއްބުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
އިހުސާން ވިދާޅުވީ ޝަރީއަތްތައް ލަސްވެ އިންސާފުނުލިބި ހުކުމް ކުރުމަކާއި ނުލާ އެތަކެއް ދުވަސްތަކެއް ޖަލުގައި މީހުން ބަންދުވެފައި ތިބުމަކީ އަދުގެ ސަރުކާރުން ބަލައިގަންނަ ކަމެއްނޫން ކަމަށެވެ.
މި ކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ދައުލަތުގެ ހުރިހާ ކަމަކާއި ބެހޭ މުއައްސަސާތަކާއިއެކު، މަސައްކަތް ކުރަމުން ކަމަށެވެ.
“ހުކުމަކާއި ނުލާ ވާނުވާ ބަންދުގައި ތިބޭ ތިބުން ނިންމުމަކަށް ގެނައުމަކީ ރައިސްގެ ވައުދުފުޅެއް އެކަން އަޅުގަނޑުމެން ކުރާނަން” އިހުސާން
މީގެ އިތުރުން އިހުސާން ފާހަގަ ކުރެއްވީ ތަހުގީގް ނިމެންދެން ނުވަތަ ޝަރީއަތް ނިމްނެދެން ބަންދުގައި ތިބޭތިބުން ދޫކުރުން ނުވަތަ ލުއިދިނުމަކީ ރައީސް ނުވަތަ ސަރުކާރުން ކުރައްވާ ކަމެއްނޫން ކަމަށާއި، އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓް ތަކުން ކަމަށެވެ. ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަންސާފުވުން މުހިންމު ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.