އަތްފޯރާ ފަށުގައި ލުއި ލޯނުތައް ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވާ ކަމަށާއި، އެފަދަ އެއް ލޯން ގެދޮރު ވެރިކަމަށް ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި މައްޗަށްގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގެދޮރު އެޅުމަށްޓަކައި ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަށް ލޯނުތަކެއް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެފަދަ ލޯނުތައް ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ބޮޑުނުވާ ލޯނުތަކެއް ކަމުގައި ކަނޑައަޅާ ގެދޮރުހަދަން ދޫކުރަން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވީ އަމިއްލަ ގެދޮރުހުރެ އެ ގޭގައި ނުވަތަ އެ ގޯއްޗެއްގައި ގެ އެއް އިމާރާތް ކުރެވޭނެފަދަ ތަނަވަސްކަމެއްނެތް މީހުންނަށް މީ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކޮމާޝަލް ރޭޓްތަކުގައި ބޭންކަށްގޮސް ލޯނުނަގައިގެން ގެ ނެހެދޭ މީހުންނަށްވެސް މިއީ ރަނގަޅު ފުރުސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ލޯނުތައް ދޫކުރުމުގައި އެންމެ ފުރަތަމަ ދޫކުރަން ނިންމާނީ އަލަށް ގެދޮރު އެޅުމަށްޓަކައި ދޫކުރާ ލޯނުތައް ކަމަށެވެ.
“ހޯމް ކޮމްޕްލިޝަން ލޯން” އަދި “ރިނޮވޭޝަން ލޯން” ތަންކޮޅެއް ލަސްވި ނަމަވެސް އެ ދެ ލޯނު ވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.