ވާހަކަ
ކުރުވާހަކަ: އުމުރަށް އެކުގައި
“އަހަރެން ބޭނުމީ ލޯބި،” ޒީވާ ބުންޏެވެ. “އަހަރެންދެކެ ލޯބިވޭތަ؟”
އެފްބީގައި ޗެޓުކުރަމުން ޒީވާ އެ ސުވާލުކުރުމުން، އަހަރެންގެ އިނގިލިތައް ގަނޑުވި ކަހަލަ އެވެ. ދެން ލިޔަންވީ ކީކޭކަމެއް ނޭނގުނެވެ. ޒީވާ އަކީ، އަހަންނާ އެކަށީގެންވާ ކުއްޖެއްބާ އެވެ؟
“ޔޭސް” ޖެހީމެވެ. ޑިލީޓުކޮށްލާފައި “ނޯ” ޖެހީމެވެ.
ޑިލީޓުކޮށްލާފައި “ނޯ ކޮމެންޓު” ޖެހީމެވެ.
އަނެއްކާ ޑިލީޓުކޮށްލާފައި “ވިސްނާނަން” ޖެހީމެވެ.
އެ ވެސް ޑިލީޓުކޮށްލީމެވެ. ބުނަންވީ ކީކޭކަމެއް އަހަންނަކަށް ނޭނގުނެވެ.
އަހަންނަކީ، އުމުރުން ވިހި އަހަރުގެ ފިރިހެނަކީމެވެ. ދިރިއުޅެނީ ރަށުގަ އެވެ. ޗެޓުން އެންމެ ފުރަތަމަ ދިމާވި ދުވަހު ޒީވާ ބުނިގޮތުގައި އޭނަ އަކީ، މާލޭގެ އަންހެންކުއްޖެކެވެ. އުމުރަކީ ނަވާރަ އަހަރެވެ. އޭނަ ބުނީ އެހެންނެވެ. އަހަރެން އުންމީދުކުރީ ވެސް އެ ގޮތަށެވެ. ޒީވާއަކީ، ހަމަލޮލުން އަހަރެން ދުށް ކުއްޖެއް ނޫނެވެ.
ފޭސްބުކް ނެތް ނަމަ، ޒީވާ އާ އަހަރެން ބައްދަލުވާނެ އެއްވެސް ފުރުޞަތެއް ވެސް ނުލިބުނީހެވެ.
އަހަރެން ހުރީ ހުސްހަށިބަޔަށެވެ. އެހެންކަމުން، އަހަރުމެން ދެމީހުންގެ ޗެޓުކުރުން ދިޔައީ ކުރިއަށެވެ. އެފްބީ އަކީ، އަހަރުމެން ދިމާވި ތަނެވެ. ބައްދަލުވުންތައް “ބޭއްވި” މަންޒިލެވެ.
ވާހަކަދައްކަން ފަށައިގަތް ދުވަސްވަރު، ޒީވާއަކީ އަހަންނަށް މުހިންމު ކުއްޖެއް ނޫނެވެ. ވާހަކަދައްކަން މާބޮޑު ޝައުގުވެރިކަމެއް ވެސް ނުހުރެއެވެ. އެހެންނަމަވެސް، ދައްކާ ވާހަކައިގައި، އޭނަ ބުނެލާ ބަސްބަސް އަހަންނަށް ކަމުދާންފެށި އެވެ. ކޮށްލާ ސަމާސަ ހަނދާން ނުނެތެންފެށި އެވެ. އެފްބީން ބައްދަލުވާނެ ވަގުތަކަށް އިންތިޒާރުކުރެވެން ފެށި އެވެ. ފޯނު ނަންބަރު އަހާލަން ހިތަށްއަރައެވެ. އެކަމަކު، އަހަރެން އެހާ ކެތްމަދުވެފައިވާކަން އޭނަ އަށް އަންގާކަށް ބޭނުމެއް ވެސް ނުވި އެވެ. އޭނަގެ ނިޔަތް އޮތީ ކިހިނެތްކަން ނޭނގޭތީ އެވެ.
އެކުވެރިކަމަށް ހަތަރު މަސްދުވަސް ފުރުނު ދުވަހު، އެ އެކުވެރިކަމުގެ އިތުރު އޮޅިގަނޑެއް ގިރާކުރަން އަހަރެން ބޭނުންވި އެވެ. އެހާ ހިސާބަށް އައިއިރު، އަހަރެންގެ ސިފަ ޒީވާ އަށް އޮންނާނީ ފެނިފަ އެވެ. ޒީވާގެ ސިފަ އަހަންނަކަށް ނުފެނެއެވެ. ޒީވާގެ އަޑު އަހަންނަކަށް ނީވެއެވެ.
“އެފްބީން މަގޭ ފޮޓޯ ހުންނާނީ މިހާރު ފެނިފަ،” އަހަރެން ބުނީމެވެ. “އެކަމަކު، ޒީވާ ހުންނަ ސިފައެއް ނޭނގޭ. އަޑެއް ވެސް ނީވޭ. އަދި ވެސް ފޯނުން ވާހަކަދައްކާލެވޭހޭ އަހަރުމެން ކްލޯސްއެއް ނުވޭތަ؟”
ޒީވާ ހޭންފެށި އެވެ. އަޑަކުން ނޫނެވެ. އަކުރުންނެވެ.
“ރީތިކޮށް ބުނަން ނުކެރިގެން ތި އުޅެނީ ކީއްވެ؟” އޭނަ އެހި އެވެ.
“މައްސަލައެއް ނެތް!” އަހަރެން ބުނީމެވެ. “ޒީވާގެ ނަންބަރު ދީފާނަންތަ؟”
ޒީވާ ވަގުތުން އެ ނަންބަރު ޖަހާލި އެވެ. އަހަރެން ވަގުތުން އެ ނަންބަރަށް ގުޅާލީމެވެ. ޒީވާ ވަގުތުން ފޯނު ނެގި ވެސްމެ އެވެ. އެހެންނަމަވެސް، ވާހަކައެއް ނުދެއްކި އެވެ. އަހަރެން އެތައް ފަހަރަކު “ހަލޯ’ ކިޔުމުން ވެސް ޖަވާބެއް ނައެވެ.
ހިތަށްއެރި އެވެ. ޔަގީނެވެ.
އަހަރެންގެ ކޮންމެ ވެސް ރައްޓެއްސަކު އަހަރެން ހެއްދީ އެވެ. އެ މަޅީގައި އަހަރެން ރަނގަޅަށް ޖެހުނީ އެވެ.
ދެން ވެސް ފޯނު ކަނޑާލާފައި ފަޟީހަތުން ސަލާމަތްވާންވީ އެވެ. ފޯނު ކަނޑާލާފައި ހިތަށްއެރި އެވެ.
އެކަމަކު، އޭނަގެ ބަހުރުވަ، އަންހެންކުއްޖެއްގެ ބަހުރުވައާ ހާދަހާ ވައްތަރެވެ. ފަހަރެއްގައި، އެއީ، އަހަރެންގެ އަންހެން އެކުވެރިއަކަށް ވެދާނެބާ އެވެ؟
“ކިހިނެތްވީ؟” އަހަރެން ޗެޓު ވިންޑޯގައި ލިޔެލީމެވެ.
ޒީވާގެ ޖަވާބެއް ނައެވެ. ދެން ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ.
“އަދި ގުޅާބަލަ،” އޭނަ ބުންޏެވެ. “ދެންމެ މަށަކަށް އަޑެއް ނުލިބެއޭ.”
އެއް ގޮތަކީ، ލަދެއްގައި ނުބެދުމުގެ ގޮތުން އަހަރެން އެ ކޯލު ނުކުރުމެވެ. އަނެއް ގޮތަކީ، ލަދަކާ ހުރެ ތަދެއް ނުފިލާނޭ ހީކޮށް ގުޅުމެވެ.
ލޯމަރާލާފައި އަހަރެން ގުޅީމެވެ. އެ ފަހަރު ވެސް، ވަރަށް އަވަހަށް ފޯނު ނެގި އެވެ. ވާހަކައެއް ނުދެއްކި އެވެ.
ހަމައެކަނި ތަފާތަކީ، އަންހެންކުއްޖަކު ހޭއަޑު އިވުމެވެ. އެތައް އިރަކު ހުނުމަށްފަހު ވާހަކަދެއްކި އެވެ.
“ހަލޯ!” އޭނަ ބުންޏެވެ. “ކިހިނެއްތަ؟”
“މަ މީނީ ހީނ ނިމިގެން ޒީވާ އަނގައިން ބުނަންދެން.” އަހަރެން ބުނީމެވެ.
“ސޮރީ އިނގޭ!” ޒީވާ ރަކިގޮތަކަށް ބުނެލި އެވެ. “ދެން މަ ކީކޭތަ ކިޔަންވީ؟”
އެއީ، ކުރިން އަހަރެން ދަންނަ ކުއްޖެއް ނޫނެވެ. އަދި އެއީ، އަހަރެން ހައްދަން ގުޅާ، އަހަރެންގެ އެކުވެރިއެއް ވެސް ނޫނެވެ. ޒީވާގެ ރީތި، ލަދުރަކި އަޑުގަ ޖެހިފައި އަހަރެން މަސްތުވި ކަހަލަ އެވެ. ފޯނު ބާއްވާހިތެއް ނުވި އެވެ. ދައްކާނެ ވާހަކަ ހުހެއްނުވި އެވެ. އެ ހިސާބުން، އެފްބީގެ ބަދަލުގައި، ފޯނުން އަހަރުމެން ވާހަކަދައްކަން ފެށީމެވެ. ޒީވާ ބުނެލާ ކޮންމެ ލަފުޒެއް، ކޮންމެ ޖުމުލައެއް އަހަރެން އަޑުއަހާހިތް ވި އެވެ. އެ އަޑަކީ، އަހަރެންގެ ކަންފަތަށް އިވުނު އެންމެ ހިތްގައިމު މިޔުޒިކަށް ވި އެވެ. އިސާހިތަކު، އަނެއްކާ ވެސް އޮޅިގަނޑެއް ގިރާކުރަން އަހަރެންގެ ހިތް އެދެންފެށި އެވެ.
“ކޮންއިރަކުން މަށަށް ޒީވާ ފެންނާނީ؟” އަހަރެން، ކެތްތެރިކަން ކުޑަގޮތެއްގައި އެހީމެވެ. “ޗެޓު ކުރެވިއްޖެ! ލައްކަ ވާހަކަ ވެސް ދެއްކިއްޖެ!”
“ދެން ސާބަހޭ!” ހީނގެންފައި ޒީވާ ބުންޏެވެ. “އެއްކަމަކަށް ފަހު އަނެއް ކަމެއް. އަދި ކެތްކޮށްބަލަ!”
“ދެން ނުވާނެ ކެތެއް،” އަހަރެން ބުނީމެވެ. “ހަމަ ދެކިލާ ހިތްވަނީ. އެންމެ ފަހަރަކު….”
“އަހަރެން ހުންނާނެ ކަމަށް ހީވަނީ ކިހިނެތް؟” ޒީވާ ލާނެތްވެލާފައި އެހި އެވެ. “އަޅެ ބުނެބަލަ! އެނގިދާނެތާ!”
“ނޭނގެ ބުނާކަށް،” އަހަރެން ބުނީމެވެ. “ގައިމު ވެސް ހުތުރެއް ނުވާނެހެން ހީވަނީ…”
“ދިމައެއްނުވިޔޯ!” ޒީވާ ހީވީ ސަމާސަކުރާހެންނެވެ. “މަށަކީ ވަރަށް ހުތުރުކުއްޖެއް. ވަރަށް ކަޅުވާނެ. ބޮލުގެ އިސްތަށި ވަރަށް މަދުވާނެ. ދަތްތައް ހަމައެއް ނުވާނެ. މޫނުގަ ހުންނާނީ ހުސް ލަކުނު.”
“ހެޔޮ!” އަހަރެން ވަގުތުން ބުނީމެވެ.
ޒީވާ ހެދީ ދޮގެއްކަން އަހަންނަށް ޔަގީނެވެ. ޔަގީންވީ ކިހިނެތްކަން ބުނެދޭކަށް ނޭނގެ އެވެ.
އަހަރެންގެ ހިތް ބުނީ، އެހާ ރީތި އަޑެއްގެ ވެރިއަކު، އެހާ ހުތުރު ނުވާނެކަމުގަ އެވެ.
“ކިތަންމެ ހުތުރަސް، އަހަރުމެންގެ ގުޅުމަކަށް ބަދަލެއް ނާންނާނެ!” އަހަރެން ޔަގީންކަން ދިނީމެވެ.
“އޯކޭ!” ޒީވާ އެއްބަސްވި އެވެ. “މި ފޮނުވަނީ ފޮޓޯއެއް. ޓެގްކޮށްލާނަން. ބަލާލަބަލަ!”
ފޯނު ކަނޑާލުމަށްފަހު، އެފްބީ އަށް އަހަރެން ވަނީމެވެ. ތެދެކެވެ. ފޮޓޯއެއް ޓެގްކޮށްފައި އޮތެވެ. އެކަމަކު، އެ ފޮޓޯގައި، ތިން އަންހެންކުދިން ތިއްބެވެ. ތިންކުދިންގެ އިސްކޮޅުގެ އެ ފޮޓޯއިން، މޫނު އެހާ ރަނގަޅަކަށް ނޭނގެ އެވެ. އެއީ، އެއް މައްސަލަ އެވެ. އަނެއް މައްސަލަ އަކީ، އެއިން ޒީވާ ވަކިކުރާކަށް އަހަންނަކަށް ނޭނގުނެވެ. އެހެންނަމަވެސް، ފޮޓޯ ފޮނުވިކަމަށްޓަކައި ޝުކުރުއަދާ ކުރީމެވެ. ޒީވާ ކޮމެންޓު ކުރި އެވެ.
“ކޮން ކުލައެއްގެ ހެދުމެއް ލައިގެން އަހަރެން ހުރީ؟” ޒީވާ އެހި އެވެ.
“ފިޔާތޮށި!” އަހަރެން އެ ވަގުތު ހިތަށް އައި ގޮތަށް ބުނެލީމެވެ.
“އައްދެ! ހާދަމޮޅު ކުއްޖެކޭ!” ޒީވާ ކޮމެންޓު ކުރި އެވެ.
އަހަރެން ވަރަށް ފަރުވާތެރިކަމާ އެކުގައި، ކައިރިކޮށްގެން، ފިޔާތޮށި ހެދުން ލައިގެންހުރި ކުއްޖާގެ މޫނު ބެލީމެވެ. ކައިރިކޮށްލުމުން ވަރަށް ނުސާފެވެ. ސިފަ ވަކިވާ ވަރެއް ނުވި އެވެ.
“ދިމައެއް ނުވިޔޯ! ބޮޅެއް!” ޒީވާ، އަނެއްކާ ވެސް ކޮމެންޓުކުރި އެވެ.
އަހަންނަށް ޗޮކެއްކަނޑާލެވުނެވެ. ހިތަށްއެރި އެވެ. ޒީވާ އެ ވަރަށް އަހަރެން ތެޅުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެހެންނަމަވެސް، އެ ސިފަ އަހަންނަށް ވަރަށް ކަމުދިޔަ އެވެ. ގަޔާވި އެވެ.
“ހާދަ ގޯހޭ!” އަހަރެން ބުނީމެވެ.
“ދޮގެއް!” އަނެއްކާވެސް ޒީވާ ބުންޏެވެ. “އަސްލު ވެސް ޕިންކު ޑްރެސް އެއީ އަހަރެން.”
އަހަރެން އެއްޗެއް ނުބުނަމެވެ. އެ ހިސާބުން، ގަބޫލުކުރަންވީ ކޯޗެއްކަން އަހަންނަށް ނޭނގުނީ އެވެ.
“ރުޅިއައީ؟” ޒީވާ އެހި އެވެ.
“އުހުނ!” އަހަރެން ބުނީމެވެ. ”ހިތަށްއަރަނީ، ޒީވާ ބިރުން ތި އުޅެނީ ކީއްވެބާއޭ؟ ސިފައެއް ނޫންދޯ ހުރިހާ އެއްޗަކީ؟”
“އޯކޭ!” ޒީވާ ބުންޏެވެ. “ހަމަ މިހާރު ފޮޓޯއެއް ނަގާފަ ތި ފޯނަށް މި ފޮނުވަނީ.”
އިރުކޮޅެއް ނުވެ އެމްއެމްއެސްއެއް އައެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅުނެވެ. އަވަސްއަވަހަށް ފޮޓޯ ބަލައިލީމެވެ. އިރުކޮޅަކަށް އަހަރެން ހުއްޓުންއެރި އެވެ. އެއީ ކަޅު ކުއްޖެއް ނޫނެވެ. ބޮލުގެ އިސްތަށި މަދެއް ނޫނެވެ. ދަތްތައް ހަމައެވެ. މޫނުގަ އެއްވެސް ލަކުނެއް ވެސް ނެތެވެ. ޒީވާ އަކީ، އެހާ ހުތުރު ކުއްޖެއް ނޫނެވެ. އެކަމަކު، އަހަންނަށް ކަމުދާ ކަހަލަ އެއްވެސް ސިފައެއް އޭނަގެ ނެތެވެ. ދެން ހިތަށްއެރި އެވެ. އެއީ ޒީވާ ބާ އެވެ؟ ނުވަތަ ކައިރީގައި އިން އެހެން ކުއްޖެއްބާ އެވެ؟ ޒީވާގެ ބޭނުމަކީ، އަހަރެން ޓެސްޓުކޮށްލުންބާ އެވެ؟ އެ ކަމާ ވިސްނަން އިންދާ، ޒީވާގެ ކޯލެއް އައެވެ.
“ފޫހި ވައްތަރަކަށް ހުރި ކުއްޖެއްދޯ؟” ޒީވާ އެހި އެވެ.
“އުހުނ! ވަރަށް ނައިސްކޮށް ހުރި ކުއްޖެއް،” އަހަރެން ބުނީ ހިތުގައި އޮތް ގޮތަކަށް ނޫނެވެ. “ދެން މިހާރު ކެރޭނެތަ ވެބްކެމް ޖައްސަން؟ ތި ސްމައިލް ހާދަ ޔުނީކޭ. އަހަރެން ބޭނުން ތި ސްމައިލް ބަލާލަން. ބަދަލުގަ ބޭނުން އެއްޗެއް ރާނިޔާ ބުނޭ.”
އަހަރެންގެ ފޯނަށް ފޮނުވާފައި އޮތީ ޒީވާގެ ފޮޓޯއެއް ކަމުގައިވަންޏާ، އޭނަގެ ހިނިތުންވުން ވެސް ރީއްޗެއް ނޫނެވެ. ރީއްޗޭ ކިޔައިގެން އެ ހުރިހާ ވާހަކައެއް އަހަރެން ދެއްކީ، ޔަގީންކުރުމަށްޓަކައެވެ. ޒީވާ އަށް އެ ކަމެއް ނޭނގެ އެވެ. ކުއްލިއަކަށް އަހަންނަށް އައީ، ވީޑިޔޯ ކޯލެއްގެ ދަޢުވަތެވެ. އަހަރެން ގަބޫލުކުރީމެވެ.
މާގިނައިރެއް ނުވެ، ޒީވާގެ ވެބްކެމް ފެނުނެވެ. ކެމެރާ ކުރިމައްޗަކު އޭނައެއް ނެތެވެ. ފެންނަންހުރީ ދޮރެކެވެ. ޒީވާ ކެމެރާ ކުރިމައްޗަށް އައީ ކުއްލިއަކަށެވެ. އަހަންނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
“އަހަރެން ބޭނުމީ ލޯބި،” ރާނިޔާ ބުންޏެވެ. “އަހަރެންދެކެ ލޯބިވޭތަ؟””
އެތައްއިރަކު އަހަރެން ގަނޑުވެފައި އިނީމެވެ. ޒީވާއަކީ، އަހަންނާ އެކަށީގެންވާ ކުއްޖެއް ނޫނެވެ. ރީތިކަމަށް އަހަރެން ދެކޭ އެއްވެސް ސިފައެއް އޭނަގެ މޫނަކު ނެތެވެ.
އެހެންކަމުން، ޒީވާގެ ލޯބި ގަބޫލުކުރާކަށް އަހަންނަކަށް ފަސޭހައެއް ނުވިއެވެ.
“އަހަރެން އަދި ބޭނުމެއް ނޫން ކުއްޖަކާ ރައްޓެހިވާކަށް،” އަހަންނަށް ދޭން ކެރުނު ޖަވާބަކީ އެއީ އެވެ. “އަންހެނުންނަކީ މަ ވަރަށް ފޫހިވާ ބައެއް އަހަރެންގެ ފްރެންޑްސުންނަށް މުޅިން ވެސް ލިބެނީ ލަނޑު. އަހަރެން ހިތަށްއަރަނީ، ހުރިހާ އަންހެނުން ވެސް ވާނީ އެއްގޮތެކޭ.”
“އަހަރެންގެ ލޯބިން ތި ހިތް މަޑު ފުށްކޮޅަކަށް ހަދާލަފާނަމޭ،” ޔަގީންކަމާ އެކުގައި ޒީވާ ބުންޏެވެ. “ބޭނުންވަނީ މަށަށް ޓްރަސްޓުކޮށްފަ، އެ ޗާންސު މަށަށް ދިނުން. ޓުރައިކުރަންވީތަ؟”
“އާނ!” ހިތާދެކޮޅަށް އަހަރެން ބުނީމެވެ. “ހަމަ ވެލްކަމް!”
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެވެ. ހަމަ އެ ގޮތަށް، ނުރުހުމުގެ ލޮލަކަށް، އައިބު ނޫން އެއްޗެއް ނުފެންނާނެ އެވެ. ކުރިން ޒީވާ ކުރި ހުރިހާ ކަމަކާ، ބުނި ކޮންމެ ލަފުޒެއް އަހަންނަށް ކަމުދިޔަ އެވެ. “ކިޔުޓް” ވިއެވެ. އެކަމަކު، އަހަރެން އުންމީދުކުރި ވަރުގެ ރީތި ކުއްޖަކަށް ޒީވާ ނުވުމުން، ދެން ފެންނަންފެށީ ހުސް މައްސަލަ އެވެ.
ޒީވާ ފޮނުވި ފޮޓޯއާ ބެހޭގޮތުން އޭނަ ދޮގުހެދީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ސިފަޔާ ބެހޭގޮތުން ދޮގުހެދީ ކީއްވެގެން ހެއްޔެވެ؟ ދޮގުހެދުމަކީ، އަހަރެން އެންމެ ފޫހިވާ ސިފަކަމަށް، ތަކުރާކޮށް ޒީވާއަށް ހަނދާކޮށްދިނީމެވެ. ދޮގުވެރިންނަކީ، އަހަރެން ވަރަށް ގަޔާނުވާ ބަޔެއްކަމުގައި ބުނީމެވެ. އެކަމަކު، އަހަރެންގެ އަސްލު މަގުސަދަކީ، އަހަންނަށް ޒީވާ ކަމުނުދިޔަ ސަބަބަކީ އޭނަގެ މިޒާޖުކަން ދެއްކުމެވެ. ސިފައާ ގުޅުމެއް ނެތްކަން އެންގުމެވެ.
އަހަރެންގެ ރުހުން ހޯދުމަށްޓަކައި، ވަރަށް ގިނަ ކަންތައް ޒީވާ ކުރި އެވެ. ކޮންމެ ދުވަހަކު، އެތައް ކޯލެއް ކުރެއެވެ. އެތައް މެސެޖެއް ފޮނުވަ އެވެ. އަހަރެން ގާތުގަ ނާހާ، އެއްވެސް ތަނަކަށް އޭނަ ނުދެއެވެ. އެހެންނަމަވެސް، އޭނަދެކެ އަހަރެން ފޫހިވެފައި ހުންނާތީ، މަދުފަހަރަކު ނޫނީ އަހަރެން ނުގުޅަމެވެ. އޭނަގެ ހާލެއް ނުބަލަމެވެ. ޒީވާއަށް ކުރިން ވަރަށް ކަމުދިޔަ ފިރިހެންކުދިންގެ ފަރާތުން ހުށައެޅުންތައް ލިބެމުންދިޔަ ނަމަވެސް، އެ ހުރިހާ ފުރުޞަތެއް ޒީވާ ދޫކޮށްލީ އެވެ.
“މަށަށް އިންތިޒާރު ކުރުމަކީ ވޭސްޓެއް،” އަހަރެން ބުނީމެވެ. “ނުވޭ އެއްވެސް ލޯތްބެއް. ސީރިޔަސްކޮށް.”
“އަދި މަޑުކުރޭ!” އުންމީދާއެކުގައި ޒީވާ ބުނެއެވެ. “އަދި ލޯބިވާނެ، މެރީ ވެސް ކުރާނެ،”
ޒީވާގެ ޢާއިލާގެ މީހަކު ޑޮކްޓަރަށް ދައްކަންވެގެން، ޒީވާ އިންޑިޔާ އަށް ދިޔަ އެވެ. އަހަރުމެންގެ ގުޅުމަށް އޭރު އެއް އަހަރު ފުރެނީ އެވެ. އެ ދުވަސްވަރު، އޮފީސް ދަތުރެއްގައި އަހަރެން މާލެ ދާން ޖެހުނެވެ. އަހަރެން ހުރީ ހުޅުމާލޭގަ އެވެ. ޒީވާ އިންޑިޔާއިން އައިސްފައި، ބައްދަލުކުރަން އެދުނެވެ. އަހަރެން މާލެ އަށް ދިޔުމުގެ ބަދަލުގައި، ޒީވާ އައީ ހުޅުމާލެއަށެވެ. ހަމަލޮލަށް ޒީވާ ފެނުމުން، އަހަރެންނަށް ކަމުނުދާ ސިފަތައް ހައްތަހާ ވީ ގިނަ އެވެ. އޭނަ ހިނގާ ގޮތް ކަމަކުނުދެއެވެ. ގަޑި އަށް ފަރުވާތެރިއެއް ނޫނެވެ. މާގިނައިން ދުފުމާއި، ކާއިރު ހަރަކާތްތައް ހުންނަ ގޮތާއި، ޖަހާފައި ހުންނަ ސެންޓުން ދުވާ ވަސް ވެސް ކަމަކުނުދެއެވެ.
“މަ ވެސް މި ފަހަރު ޑޮކްޓަރަށް ދައްކާލިން.” ޒީވާ އެހެން ބުނިއިރު ހުރީ، ކުޑަކޮށް މާޔޫސްވެފަ އެވެ. “ޑޮކްޓަރު ބުނި އެއްޗެއް އެނގޭތަ؟ އަހަންނަށް ކިޑެއް ލިބުމުގެ ޗާންސު ވަރަށް ކުޑަޔޯ.”
ދަރިން ނުލިބޭ މީހަކާ އަހަރެން އިންނާނީ ކިހިނެތް ހެއްޔެވެ؟ ދިރިއުޅުމެއް ފަށާނީ ކިހިނެތް ހެއްޔެވެ؟
“ތީ ވަރަށް ބޮޑު މައްސަލައެއް!” އަހަރެން ބުނީމެވެ. “އަހަރެންގެ ވަރަށް ބޮޑު ޑްރީމެއް ބުނަންތަ؟ ހަތަރު ކުދިންގެ ބައްޕަ އަކަށްވުން. ދެފިރިހެން ދެއަންހެން. ޒީވާ ވަރަށް ނައިސް. ވަރަށް ލައިކުވާ ސިފަތަކެއް ވެސް އެބަހުރި. އެކަމަކު، ކިޑެއް ނުލިބެންޏާ، މި ގުޅުން ދެން ޖެހޭނީ މި ހިސާބުން ސްޓޮޕްކޮށްލަން.”
ލިބުނު ރަނގަޅު ދަނޑިވަޅުގައި، ރަނގަޅު އުޒުރެއް ދައްކާފައި، ޒީވާގެ ކިބައިން އަހަރެން ސަލާމަތްވީމެވެ. ފުން ނޭވައެއް ބޭރުކޮށްލީމެވެ. ޒީވާގެ ކޯލު އައުން ހުއްޓުނެވެ. އަހަރެން ހީކުރީ، އެ ހިސާބުން އެ ކަން ނިމުނީކަމަށެވެ. އެކަމަކު، ދެން ވެސް އޭނައަކަށް ނުހުރެވުނެވެ. އަހަރެންދެކެ އޭނަ އަށް ލޯބިވެވިފައިވަނީ އިންތިހާއަށެވެ. ދޭތެރެއަކުން ޒީވާގެ މެސެޖެއް ލިބެއެވެ. ލޯބިވާ ވާހަކަ ބުނެފަ އެވެ. ނުވަތަ، ހަނދާންވާ ވަރުން މެސެޖުކުރެވޭތީ މަޢާފަށް އެދިފަ އެވެ. އަހަންނަށް ވަރަށް އުނދަގޫވި އެވެ.
“ތި ރަށަށް ދަންތަ މީޓުކޮށްލަން؟” އެ ސުވާލު ވެސް ޒީވާ ކުރި އެވެ.
“ތިއީ ބޭކާރު ކަމެއް،” އަހަރެން ޖަވާބުދިނީމެވެ. “ދެން އަހަރެން ހަނދާންނައްތާލިއްޔާ އެންމެ ރަނގަޅުވާނީ.”
އެ ދުވަހަށް ފަހު، ޒީވާގެ ކޯލުތައް ހުއްޓުނީ އެވެ. މެސެޖެއް ވެސް ނުކުރެއެވެ. އެފްބީން ދިމައެއް ވެސް ނުވެއެވެ.
ފުރަތަމަ ދެތިން ދުވަހު، އަހަރެންގެ ބޮލަށް ވަރަށް ފަސޭހަވި އެވެ. އެކަމަކު، ދެން ކުއްލިއަކަށް ޒީވާ މަތިން ހަނދާންވާން ފެށި އެވެ. ތުނިކޮށް ވެހެންފެށި ވާރެއެއް ބޯކުރަމުން އައިހެން، ޒީވާގެ ހަނދާންތަކުން އަހަރެން ފޯވާންފެށި އެވެ. އެއީ، ބުނަން ނޭނގޭ ކަހަލަ އަޖައިބެކެވެ. ސަލާމަތްނުވެވިގެން އުޅުނު ކުއްޖާގެ ކިބައިން ސަލާމަތް ވެވުމުން، ދެން ކޮން ހަނދާނެއް ހެއްޔެވެ؟ އާނއެކެވެ. ޒީވާގެ ކިބައިގައި، އަހަންނަށް ކަމުދާ އެއްވެސް ސިފައެއް ނެތެވެ. އެކަމަކު، އޭނަގެ ހުރިހާ ސިފައެއްދެކެ އަހަންނަށް ލޯބިވެވިއްޖެ އެވެ. އެއީ ކީއްވެގެން ވީ ކަމެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަންނަކަށް ނޭނގެ އެވެ. އަހަރެން އަތުގައި ޒީވާގެ ނަންބަރު އޮތެވެ. އެހެންނަމަވެސް، އޭނަޔާ އަލުން ގުޅާނީ ކީކޭ ކިޔާފަ ހެއްޔެވެ؟
ދެހަފުތާ ވީއިރު، ނިދިން އަހަރެން މަޙްރޫމުވެއްޖެ އެވެ. ކާހިތް ކެނޑިއްޖެ އެވެ. ހުންނަނީ ފާޑަކަށް މޭބޮޑުވެފަ އެވެ. އަހަރެން އެންމެ ފޫހިވި އަންހެންކުއްޖާ އަހަރެންގެ ބަލިފަޔަކަށް ވެ ނިމިއްޖެ އެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެ ދަނޑިވަޅުގަ އެވެ.
“މި ރޭ މެރީ ކުރަނީ،” އަހަންނަށް ލިބުނީ ޒީވާގެ މެސެޖެކެވެ. “ހިތަށްއެރި އުނދަގުލެއް ނުކުރާނަމޭ. އެކަމަކު، ހަމަ ބުނެނުލާ ނުހުރެވުނީ. އުނދަގޫކުރެވުނު ކަމަށް ވަންޏާ ސޮރީ.”
ކުއްލިއަކަށް އަހަރެންގެ ދެލޮލަށް ޖަމާވި ކަރުނަތަކުން، އަހަރެންގެ ފެނުން ފުސްކޮށްލި އެވެ. ދެރަ އާއި އައި ރުޅިން، ކަރުނަތައް ފުހެލީމެވެ. ދެން ކޮން ރުއިމެއް ރޯކަށްހޭ އަހަރެންގެ އަމިއްލަ ނަފުސު ބުނި ކަހަލަ އެވެ.
ޒީވާ ކިޔާ އިންތިޒާރެއް ކުރި ހެއްޔެވެ؟ ކިހާ އާދޭހެއް ކުރި ހެއްޔެވެ؟ އަހަރެންނަކީ ކިހިނެތް ވެފަ ހުންނަ މީހެއް ހެއްޔެވެ؟ ބޭކާރު އުޒުރުދައްކައި، ކޮޅު ފެންނަން ނެތް ސަބަބުތައް، ނިޔަފަތިން ހިފައި ދަމައި ނެރުނީ އަހަރެންގެ އަތުންނެވެ. ދެން އަހަންނަށް އޮތް ގޮތަކީ، ޒީވާ ހަނދާން ނައްތާލުމެވެ.
ހަޔާތުގައި “ޑިލީޓު” ފިތެއް ނުހުރެއެވެ. އަދި، ކަމެއް ހަނދާންނައްތާލަން މަސައްކަތް ކުރި ވަރަކަށް، އެ ހަނދާންތައް ހައްތަހާ ވަނީ ގަދަ އެވެ. އަހަންނަށް ވެސް ވީ އެ ވަރެވެ. އެ ރޭ އަހަރެންގެ އަރުން އެއްޗެއް ނުދިރެއެވެ. ހީވަނީ ކަރު ފިތިފައި ހުންނަހެންނެވެ. ލޯބީގެ ސަބަބުން ކާއެއްޗެއް ނުކެވޭ ވާހަކަ އަކީ، ކުރިން އަހަރެން ގަބޫލުކުރި ވާހަކައެއް ނޫނެވެ. އެކަމަކު، އެ ދުވަސް ވެސް އަހަންނަށް ދެއްކެވި އެވެ. ޒީވާ ދެކެ އަހަންނަށް ލޯބިވެވިފައިވާ މިންވަރު އިހުސާސްވީ، އޭނަ ހުރިހާ ގުޅުމެއް ކަނޑާލީމަ އެވެ. އަހަރެން ޒީވާ ބޭނުމެވެ. ހިތާހިތުން އަހަރެން ބުނީމެވެ. އަހަރެން ޒީވާ ބޭނުމެވެ. އަހަރެން ނޫން އެހެން މީހަކާ އޭނަ ކައިވެނިކޮށްގެން ނުވާނެ އެވެ.
ޒީވާ އަށް އަހަރެން ގުޅީމެވެ. އޭނަ ފޯނެއް ނުނެގި އެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށި އެވެ. ދެން އަހަންނަށް ޒީވާ ނުލިބިދާނެހެން ހީވާންފެށި އެވެ. އަހަންނަށް ގުޅާލުމަށް އެދި މެސެޖުކުރީމެވެ. ހުއްޓާނުލައި، ޒީވާ އަށް ގުޅޭތޯ މަސައްކަތްކުރީމެވެ. އަހަރެން އިނީ މޭޒެއް ކައިރީގައި އިށީނދެގެންނެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް، މޭޒު މަތީގައި އޮތް ފޯނަށް އޮހެމުންދިޔަ އެވެ. ޒީވާ އަށް ކުރި ކޯލުގެ އަދަދު ވިހިން، ފަންސާހުން، އައްޑިހަ އަށް އެރި އެވެ. ބެޓެރި ވޯނިން ދޭން ފެށި އެވެ. ފޯނު ހިފައިގެން ގޮސް ޗާޖަށް ޖަހައިގެން ވެސް ގުޅީމެވެ. ފޯނު ކައިރީގައި ޒީވާ ނެތީ އެވެ. ނުވަތަ ފޯނަށް ބަލަހައްޓައިގެން އޭނަ އިނީ އެވެ. ދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް، އަހަރެން މަޔޫސްވާކަށް ނުޖެހެއެވެ. މީހަކު ކުށްވެރިކުރާކަށް ނުޖެހެއެވެ. ޝަކުވާ ކުރާކަށް ވެސް ނުމެޖެހޭމެ އެވެ. ފޯނު ހިފައިގެން އަހަރެން އޮއްވައި، ޒީވާގެ ކޯލެއް އަންނަންފެށި އެވެ. އަހަރެން އެ ފޯނަށް ބަލަހައްޓައިގެން އޮތީ އެވެ.
ޒީވާ އަކީ، ސަމާސަ ބޮޑު ކުއްޖެކެވެ. ކުރިން ކިތަންމެ ދޮގެއް ހަދާފައިވާ ކުއްޖެކެވެ. ކައިވެނީގެ ވާހަކަ ވެސް އެއީ، އޭނަ ހެދި އެ ކަހަލަ ދޮގަކަށް ވެދާނެ އެވެ. އެހެންކަމުގައިވާ ނަމަ، އެ ދޮގަށްޓަކައި އަހަރެން އުފާކުރަމެވެ. އެއީ ތެދެއްކަން އަހަންނަށް އެނގޭނީ، ޒީވާގެ އެ ކޯލަށް އަހަރެން ޖަވާބުދީގެންނެވެ. އެ ސުވާލު ކޮށްގެންނެވެ. ޒީވާ ޔަގީންކަން ނުދޭހާ ހިނދަކު، އޭނަ ހުރީ ހުސްހަށިބަޔަށް ކަމުގައި ހީކޮށްލައިގެން، އުމުރުގެ ބާކީ ބައި، އިންތިޒާރުގައި އަހަންނަށް ވެއަތުކުރެވިދާނެ އެވެ. އަހަންނަށް ޒީވާ ގެއްލުނުކަމުގެ ހިތާމަ ކުރާކަށް ނުޖެހޭނެ އެވެ. އެ ކޯލު ނުނެގުމުން، ފޯނު ކެނޑުނެވެ. ދެން އައީ މެސެޖެކެވެ. އެ މެސެޖު ވެސް އަހަރެން ނުބަލަމެވެ.
އަހަރެން އެންމެ ބޭނުންވި ލޯބި، ދުވަހަކު ވެސް އަހަންނަކަށް ނުގެއްލޭނެ އެވެ. އެހެން މީހެއްގެ މިލްކަކަށް އޭނާއެއް ނުވާނެއެވެ. މި މަހަކީ، އަހަރުމެންގެ “ލޯތްބަށް” އެގާރަ މަސް ފުރޭ މަހެވެ. އަހަރެން އަދިވެސް މިހިރީ ހުސްހަށިބަޔަށެވެ.
(ނިމުނީ)
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!