ގދ. ތިނަދޫ ކައުންސިލަކީ، “ތިނަދޫ ސިޓީ ކައުންސިލް” ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ “ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ”ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައި ވަނީ 2024 މާރިޗު 26 ވަނަ ދުވަސް (އިއްޔެއިން ފެށިގެން) ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
އަދި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔުއްވާ ސިޓީ ނަންބަރު ޖެއްސެވުމަށް ހަމަޖައްސަވާފައި ވަނީ މިހައިތަނަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިފައިވާ ނަންބަރު 415 އެވެ.
ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާބެހޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން، އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވީ އިއްޔެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 30 ގައެވެ. ނަމަވެސް ގާނޫނު މާނަކުރުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން މިހާތަނަށްވެސް ތިނަދޫ ރަށު ކައުންސިލް އޮތީ ސިޓީ ކައުންސިލަކަށް ބަދަލު ނުވެފަފިއެވެ.