މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން އޮތް އެންމެ ރަނގަޅު މަގަކީ (ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން)، މުޖުތަމައުގައި ބައިތިއްބައިގެން ފަރުވާދިނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ބޯޅަކިންކިރިމާގޭ އައިޝަތު ޝެރީން ކުރި ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުޖްތަމައުގައި ބޮޑުވެފައިވާ އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ ކަމަށެވެ. މިއީ އެތައް އަހަރެއްވެފައިވާ އެކަށީގެންވާ ވަރުގެ ހައްލެއް ގެނެސްދެވިފައި ނުވާ ބޮޑު މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
” އެހެންވީމަ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފަ އޮންނާނެ މި މައްސަލައަށް ހައްލު ގެނެއުމަށް. އަޅުގަނޑުގެ ވައުދުތަކުގެ ތެރޭގައި އެކަންކަން ވާނީ ފާހަގަކޮށްފައި.” ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަނަކީ މިކަމުގައި ކުރިއަށްދާން އެންމެ މުހިންމު މަގު ކަމަށެވެ. ކެބިނެޓްގައި ވާނީ މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވި ސިޔާސަތު ކަނޑައަޅާފައި ކަމުގައި ރައީސް ވިދާޅުވިއެވެ.
“ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް. ކުދިން އަނބުރާ މުޖްތަމައަށް ގެނެވޭނެ ގޮތަށް ހިންގާ ރަނގަޅު މަރުކަޒުތައް ގާއިމްކުރުމަށް ވަނީ ނިންމާފަ. އެކަމަށްޓަކައި ވަކި ރަށްތަކެއް ކަނޑައެޅި އެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިހިބިލިޓޭޝަން ކުރިއަށް ދާނީ ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫއުތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެ އަނބުރާ މުޖްތަމައަށް އާދެވޭނެ ގޮތަށް އެކުދިންްނަށް ތަމްރީން ދީ އަނބުރާ ގެނެވޭނެ ގޮތްތައް ހިމެނިގެން ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ކޮމިއުނިޓީ ބޭސްޓް ރިހިބިލިޓޭޓްކޮށް އިސްލާމީ ހަމަތަކުގެ މަތިން ތަރުބިއްޔަތުކޮށް ތައުލީމާއި ތަމްރީން ދީ ވިސްނައިދީ އަނބުރާ މުޖްތަމައުމަށް ގެނައުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.