ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި ތުހުމަތުވާ މީހާ ވަނީ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން، ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށެވެ. ފުލުހުންދަނީ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި، ތަޙްގީގުކުރަމުން ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައިގައި ތުހުމަތުވާ މީހާ ވަނީ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ ސޯޝަލް މީޑިއާއިން ދައުރުވި ވީޑިއޯ އިން ފެނުނީ މިސްކިތެއްގެ ފާހާނާ ތެރޭ ކުޑަކުއްޖަކަށް ނާފުސާނީ ވާވަރަށް ތަޅާ އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯ އެކެވެ. މިހާރު ދައުރު ވަމުންދާ ވީޑިއޯ އެއްގައި ތަޅާ އަނިޔާ ކުރާ މަންޒަރު ފެނެއެވެ.
ދާދި ދެންމެއަކު ފުލުހުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.
“މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ވަނީ ދެނެގަނެވިފައި. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން” ފުލުހުން
މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައެވެ.