އައްޑޫ ސިޓީގެ އަވަށްތަކުގައި މަގުބައްތި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކުގައި ދަމާފައިވާ ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މިކަން އަންގާފައި ވަނީ އައްޑޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓްކުރި އިއުލާނެއްގައެވެ.
އިއުލާންގައި ބުނީ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ދެމުމަށް ވައު އެއްސުމަކީ އެންމެ ކުރިއްސުރެ މަނާ ކަމެއް ކަމަށެވެ. އެހެންނަމަވެސް, ކުރިއަށް މި އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް ކެމްޕެއިނު ބެނާތަކާއި ޕޯސްޓަރުތައް ހޮޅިދަނޑީގައި އައްސަމުން އަންނަ މައްސަލަތައް ލިބެމުން އަންނަ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެފްކޮންސްގެ ފަރާތުން އަލަށް ޖަހަމުން އަންނަ މަގު ބައްތިތަކުގައިވެސް ވައު އައްސައި ކެމްޕެއިން ބެނާތައް ހަރުކުރަމުން ދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ކައުންސިލުންވެސް ވަނީ ބުނެފައެވެ.
އެހެން އެކަން ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާދަމާ މެންދުރު 12:00 ގެ ކުރިން އެ ތަކެތި ނެގުމަށް ކައުންސިލުން ވަނީ އަންގާފައެވެެ.
މާދަމާ މެންދުރާ ހަމައަށް ނުނަގާ ހުރިނަމަ މަގު ބައްތި ތަކުގައި މަގު ހުރަސް ވާގޮތަށާއި ދިދަފަތި ދެމުމަށް އައްސާފައިވާ ވައުތައް ކައުންސިލުން ނައްޓާލާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.