އެއާޕޯޓް ކުންފުނިން ހިންގަމުން ދިޔަ ހައްދުންމަތީ ކައްދޫ އެއަރޕޯޓް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އަށް ބަދަލުކޮށް، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއްކަމަށްވާ ސީއޭއެމްސީއީ (ކެމްސީ)އާ ހަވާލުކޮށްފިއެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ކެމްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރއެވެ..
ކައްދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާރު ވަނީ އެއަރޕޯޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، ހިއްކާ ސަރަަހއްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ކައްދޫ އެއަރޕޯޓް ޑިވެލޮޕްމަންޓް ކޮމްޕެނީގެ ދަށުގައި އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެ ދަތިތައް ނައްތާލާ، މިހާރު އެ އެއަރޕޯޓް ހިންގުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަސްކަރީ ވައިގެ މަރުކަޒެއްގެ ގޮތުގައި ހިންގަމުން އަންނަ ކައްދޫ އެއަރޕޯޓު ތަރައްްީކުރާނީ ޓޫރިޒަމާ އެކުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ އެއަރޕޯޓުގެ އެއްބައި ޓޫރިޒަމަށް ޚާއްޞަކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.