ގދ. ފިޔޯރީ އާއި އަދި އިތުރު ދެ ރަށެއްގައި މަސް ފެކްޓްރީއެއް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.
މި މަސް ފެކްޓްރީތައް އަޅަން ނިންމާފައިވަނީ ފެލިވަރާއި ފިޔޯރީގެ އިތުރުން މާދެލީގައެވެ. ފިޔޯރީ އާއި، ފެލިވަރުގައި އަޅާ ފެކްޓަރީ އަކީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީއެއް ކަމަށް ފިޝަރީޒް މިނިސްޓްރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މާދެލީގައި އަޅަނީ 50 ޓަނުގެ ފެކްޓްރީއެއް ކަމަށވެސ ވިދާޅުވެފައެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެވެ.
ރާއްޖެއިން ބޭރަށް ރޯމަސް އެކްސްޕޯޓް ކުރުމުންދާ މިންވަރު އިތުރުވެ މިހާރު އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބެމުންދަނީ 91 މިލިއަން ޑޮލަރެވެ. ޝިޔާމް ވިދާޅުވީ އަލަށް ގާއިމުކުރެވޭ ފެކްޓްރީތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު ޑޮލަރުން ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.