ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްޓަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އޮތީ ތައްޔާރަށް ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު ވަނީ މާލެ އައިސްފައި ކަަމަށާއި، އެއީ ކުރީ ސަރުކާރުގެ އިހުމާލުން ދިމާ ވަމުން އަންނަ މައްސަލައެއް ކަމަށެވެ.
ކުލުދުއްފުށި ސިޓީގައި ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ދަނީ ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުން. މާތްﷲގެ އިރާދަފުޅާއެކު، ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ. މިކަން ޙާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން” ފަހުމީ ވިދާޅުވިއެވެ.
އެ ސިޓީން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވާ މައްސަލައަކާ ގުޅިގެން ނެވެ. އެގޮތުން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރުވެސް އަދިވެސް އެ މައްސަލަ ހައްލުވެފައި ނުވެއެވެ. އެ ސިޓީގައި ކަރަންޓް ލިބުމުގެ މައްސަލަ ބޮޑުވެފައިވާތާ މިހާރު ވަނީ މަހެއްފާއިތުވެ ގޮސްފައެވެ.
އެ މައްސަލަ ހައްލުކުރަމުން އަންނަނީ ފެނަކާއާއި ސްޓެލްކޯ ގުޅިގެންނެވެ.

