އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިއްޔެ ހަވީރު އއ ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢު ފަށްޓަވައި ދެއްވީ ތޮއްޑޫ އެބޭފުޅަކަށްޓަކައި ނިހާޔަތަށް ފަހުރުވެރިވާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއި ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 77,426,106.17 ދިވެހި ރުފިޔާ ކަމަށްވާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.84 ކިލޯމީޓަރު ހިމެނޭހެން 5 މަގެއްގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އާރްޑީސީއިން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އއ. ތޮއްޑޫގެ މަގުތައް ތަރައްގީ ކުރުމުގެ ތެރޭގައި އަންނަނިވި މަސައްކަތްތައް ހިމެނިގެންދާނެ ކަމަށްވެސް އާރްޑީސީ އިން ވަނީ ބުނެފައެވެ.
- ސްޓޯރމް ވޯޓަރ ނެޓްވޯކު އެޅުން
- ފެން ހިއްކުމަށް ގަޓަރުތައް ހެދުން
- ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުން
- މަގު ބައްތި ޖެހުން
- ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން
ތޮއްޑޫ މަގުތައް ތަރައްޤީ ކުރަން ނިންމާފައިވަނީ ތާރުގެ ބަދަލުގައި ގައު އަތުރައިގެންނެވެ. ތޮއްޑޫގައި ގާއިމު ކުރެވޭ އާރްޑީސީގެ ސައިޓާއި މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އިތުރުން ވެހިކަލްތައް މިހާރު ވަނީ އެރަށް ފޮނުވިފައި ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ތޮއްޑޫއަކީ އެތައް ޒަމާނަކުއްސުރެ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އަދި މިހާރު ލޯކަލް ޓޫރިޒަމްގައި ފާހަގަ ކޮށްލެވޭ ރަށަކަށް ވާއިރު، މިރަށަކީ އަޑިގުޑަން ގިނަ، މަގުތަކުގައި ހިނގާބިނގާވާ މީހުންނަށާއި އުޅަނދުފަހަރަށް ދަތި އުނދަގޫ މަގުތަކެއް އޮންނަ ރަށެކެވެ. އަދުގެ ސަރުކާރުން ދަނީ މިފަދަ ރަށްތައް ތަރައްގީކޮށް، މަގުތައް ހަދައި ޒަމާނީފެންވަރަށް އެރަށްތައް ކުރިއެރުވުމަށް އަވަސްސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ.