އައްޑޫ ސިޓީގެ ކަރަންޓަށް ދިވާވެފައިވާ މައްސަލަ ހައްލުކުރުމަށް 30 މެގަވޯޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެންދާ ޕަވާ ޕްލާންޓާއިއެކު 25 އަހަރުގެ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅޫ ވެއްޖެއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިހާޜު ވަނީ އެއްބަސްވުމެއްގާ ސޮއި ކޮށްފައެވެ.
ފެނަކަ ކޯޕަރޭަންޝަން ލިމިޓެޑާއި، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވަނީ އައްްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އައްޑޫގައި 30 މެގަވޯޓްގެ ޕަވާ ޕްލާންޓެއް އަޅަންވެސް ސޮއި ކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާޓުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް 30 މެގަވޯޓްގެ ޕަވާ ޕްލާންޓެ ގެ ސަބަބުން ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިއީ މީގެ އެތައް އަހަރެއް ކުރިން ދިމާވެފައިވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް އެތައް ދަތިތަކާ ކުރިމަތިވަމުން ދިޔަކަމަށެވެ.
ނަމަވެސް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށި ވީހާވެސް އަވަހަކަށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
“މި ޕަވާ ޕްލާންޓާ އެކު އައްޑޫ ސިޓިގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ. އަޅުގަނޑުމެން މި ޕްލާންޓް ގާއިމުކުރަނީ ފޭސްތަކަކަށް ބަހާލައިގެން،” އޭނާ ވިދާޅުވިއެވެ
މުއާޒް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ޕަވާ ޕްލާންޓް ގާއިމުކުރެވުމާ އެކު ކުރިއަށް އޮތް 25 އަހަރަށް އެ ސިޓީގެ ކަރަންޓު މައްސަލަ ދާއިމީކޮށް ހައްލުވެގެންދާނެ ކަމަށެވެ. އަދި އެ ސިޓީގައި ގާއިމް ކުރެވެނީ އެންމެ ޒަމާނީ ތަކެއްޗާ އެކު ޖުމްލަ 30 މެގަވޯޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެންދާނެ ޕަވާ ޕްލާންޓެއް ކަމަށް ވެސ ވިދާޅުވިއެވެ.