ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ސިފައިންގެ ޚިދުމަތުން ރޭ ރިޓަޔާކުރައްވައިފި އެވެ.
ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ސިފައިންގެ ޚިދުމަތުން ރިޓަޔާކުރައްވައިފައިވަނީ 39 އަހަރަށް ހިދުމަަތަށް ފަހުގައެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ރިޓަޔާކުރައްވައިފައިވަނީ އުމުރުން 60 އަހަރުވުމުން ކަމަށެވެ. ސިފައިންގެ ގާނޫނުގައި ވާ ގޮތުން އެ ވަޒީފާގައި ހުރެވޭ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެއަށްފަހު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ޖެހޭނެ އެވެ.
ސިފައިންގެ މައި މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިހުލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން އަބްދުއްރަހީމްއާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ހަވާލުކުރައްވައިފަ އެވެ.
އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔާމަންޓްގެ ރަމްޒީ ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ޗީފްގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު މިދިޔަ ނޮވެމްބަރުމަހު 17ވަނަ ދުވަހު އެވެ.
އަބްދުއްރަހީމް ސިފައިންގޭގައި ޚިދުމަތް ކުރެއްވި މުއްދަތުގައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވާފަ އެވެ.

