ޚަބަރު
ހަޤީޤީ ހާދިސާ : ޖިންނީގެ ސަބަބުން ޢާއިލާއަކަށް ކުރިމަތިވި ބިރުވެރި ހާދިސާ

އެއީ 2004 ވަނަ އަހަރުގެ ބޮޑު ޗުއްޓީ އެވެ. މާލޭގައި ވަޒީފާ އަދާކުރާ، ގދ.ގެ އަތޮޅުގެ ރަށަކަށް އުފަން ރިޔާޒް (އަސްލު ނަމެއް ނޫން)، ބޮޑު ޗުއްޓީގައި ރަށަށް ދިޔައީ މަޖާ ކޮށްލާށެވެ. ނަމަވެސް އޭނާއާ ކުރިމަތިވީ އިންތިހާ ދަރަޖައިގެ ހިތާމަ އާއި ބިރުވެރިކަމެވެ. އޭނާގެ ބައްޕަ ނިޔާވި ކަމުގެ ހިތާމައެވެ. ޖިންނީގެ ގޯނާގެ ސަބަބުން އުފަންވީއްސުރެ ދިރިއުޅުނު ގެއާ ތާއަބަދަށް ޢަލްވަދާޢު ކިޔަން ޖެހުނު ބިރުވެރި ހާދިސާއެވެ. ރިޔާޒް ވަނީ މިވާހަކަތައް އަޅުގަނޑަށް ހިއްސާ ކޮށްފައެވެ. މިވާހަކަ ލިޔެފައި ވަނީ އޭނާގެ ދުލުން ކިޔައިދިން ގޮތަށެވެ.

އަހަރެން ޗުއްޓީގައި ރަށަށްގޮސް ހުއްޓާ ބައްޕަ ނިޔާވެއްޖެ އެވެ. ބައްޕަގެ ކަށުކަމާކެމީގެ ކަންތައްތައް އިރުއޮއްސުމުގެ ކުރިން ނިންމާލައިފީމެވެ. ބައްޕަ ނިޔާވުމުން ލިބުނު މޮޅިވެރިކަމާއި ހިތްނުތަނަވަސްކަން ފިޔަވައި އިތުރު އެއްވެސްކަމެއް އެދުވަހު އަހަންނަކަށް އިޙުސާސެއް ނުކުރެވެއެވެ. ޗުއްޓީގެ ހަރަކާތްތަކުގައި އުޅެފައި އޭރު، އަހަރެން އާންމުކޮށް ގެއަށް އަންނަނީ ރޭގަނޑު ބާރަ ނުވަތަ އެކެއް ޖަހާއިރު އެވެ. ނަމަވެސް ލިބިފައިވާ މޮޅިވެރިކަމުގައި އެރޭ ދިހައެއް ޖަހައި ބޮޑުވިތަނާ އަހަރެން ގެއަށް ވަދެއްޖައީމެވެ. އެރޭ އަހަރެން ގެއަށް އައީ ވިހި ބުރި ބެޓަރީ ލެއްވޭގޮތަށް ހަދާފައިވާ ބައްތިއެއް، ރައްޓެއްސެއްގެ އަތުން ހޯދައިގެން ބޭނުންވާނެ ބޮކި ގަނެ، އާ ބެޓަރި ލައްވައިގެނެވެ. އެއީ، އިރު އޮއްސުމާއެކުވެސް އެރޭ އަހަންނަށް އާދަޔާ ޚިލާފުގޮތަކަށް ގެ ސިފަކުރެވުމުންނެވެ. ގެއަކީ މެދުން މަގެއް އޮވެފައި ފަރާތެއްގައި ހަތަރު ކޮޓަރި ހުންނަ ބޮޑު ގެއެކެވެ. ބޮޑު ސިޓިން ރޫމެއްވެސް ހުރެއެވެ. ގޭގެ މެދުން އޮންނަ މަގު ނިމޭތަނުގައި، ބޭރަށް ނިކުމެވޭ ދޮރެއް ހުރެއެވެ. ގޭގެ ފުރަގަހުގައި ބޮޑު ބަނބުކޮޔޮ ގަހެއް ހުރުމާއި އެކިބާވަތުގެ ގަސްތައް ގޭގެ ވަށައިގެން ހެދިފައިވުމުގެ ސަބަބުން އެސަރަޙައްދު އޮންނަނީ ވަރަށް އަނދިރިކޮށެވެ.

ހާދިސާ ފެށުނުގޮތް

އެރޭ ގެއަށް އައިއިރު ދޮރު ހުރީ ލައްޕާފައެވެ. ގެއަށްވަނުމާއެކު ކުރެވުނީ ވަރަށް ބިރުވެރި އިހުސާސެކެވެ. ގޭ މެދުގައި އޮތް މަގުގައި ދެ ފޫޓް ހޮޅިބުރިއެއް ދިއްލާފައި އޮތް ނަމަވެސް އަލިކަމެއް އިހުސާސެއް ނުކުރެވުނެވެ. އެހެންކަމުން ރައްޓެއްސެއްގެ އަތުން ގެނައި އެއްކަލަ ބޮޑު ޓޯޗުން ގޭގެ ވަލުފަރާތުގެ ދޮރާ ދިމާއަށް އަލިކޮށްލީމެވެ. އެއާއެކު ހިތުގައި ވަރަށް ބައިވަރު ސުވާލުތަކެއް އުފެދުނެވެ. ސަބަބަކީ ކުރިން ގޭ މައިދޮރު ކައިރީގައިހުރެ ތިންބުރި ކުޑަކުޑަ ބައްތިއަކުން އަލިކޮށްލިޔަސް ގޭގެ ބިއްދޮށު ފާރު ރީއްޗަށް ފެނިފައި، މިރޭ ވިހިބުރި ބެޓަރީގެ ބައްތިއެއްގެ އަލިން ހަމަ އެފާރާއި ދޮރު ނުފެންނަހާ އަނދިރިވުމެވެ. އަދި ގޭތެރޭގައި ބަޔަކު އުޅޭހެންވެސް ހީވުމެވެ. އެކިދިމަދިމާއަށް މީހުން ދުވާހެންވެސް ހީވުމެވެ. ގްރޫޕް ހަދައިގެން ވާހަކަ ދައްކާ އަޑުވެސް އިވުމެވެ. މިހުރިހާ ކަމަކާ ހެދި ގަތްބިރުން އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ފިލްމުތަކުގައި ފަޅުގޯއްޗަކަށް ރޭގަނޑު މީހަކު ވަނުމުން ވާކަހަލަ ނާމާން އިހުސާސެއް އެވަގުތު އަހަންނަށް ކުރެވުނެވެ. ނަމަވެސް ޢަޒުމް ކަނޑައެޅީ ގޭގެ އެއްވެސް މީހަކަށް އެވާހަކަ ހިއްސާނުކޮށް އަވަހަށް ނިދުމަށެވެ.
ނިދާ ކޮޓަރިއަށް ވަނުމުން ކޮންމެވެސް ކަންތަކެއް ގޭ ތެރޭގައި ހިނގާފައި ހުރިކަން އެނގިއްޖެއެވެ. މަންމަ އާއި އަދި އެއްބަނޑަށް ހުރި ހަމައެކަނި އަންހެން ކޮއްކޮ އޮތީ އަހަރެމެންގެ (ފިރިހެނުން ނިދާ) ކޮޓަރީގައެވެ. ކޮޓަރިއަށް ވަދެ އެއްވެސް މީހަކު ހޭލައި އޮތްތޯވެސް ބަލާނުލައި އެންމެ ފުރަތަމަވެސް ހުރިހާ ދޮރެއް ތަޅުލާފައި ހުރިތޯ ޔަޤީންކުރުމަށް ޗެކްކޮށްލީމެވެ. ދެން އެ ބިރުވެރި އަޑުތަކާއި ޚިޔާލުތަކާ ދުރަށް ދިއުމަށް އަހަރެން ގެންގުޅޭ ސީ.ޑީ ޕްލޭޔަރު ހޯދައިގެން ލަވަ އަޅުވާލައިގެން ނިދަން ޖައްސާލައިފީމެވެ.

ނިދަން ޖައްސާލުމުން އަދި އެހެން ކަމެއް ފާހަގަ ކުރެވުނެވެ. ގިފިލިތެރޭގައި ބަޔަކު އުޅޭހެން ހީވުމެވެ. ގިފިލި ހުންނަނީ ހިޔާ ނުކޮށެވެ. އެހިސާބުން އަހަރެން ސަމާލުވުމަށް މަޖުބޫރު ވެއްޖެއެވެ. ސަބަބަކީ އެދުވަހު ބައްޕަގެ ޙައްޤުގައި ޞަދަޤާތް ކުރުމަށް ބައިވަރު ލާރި ގެންގުޅުނުކަން ރަށުގެ ގިނަ ބަޔަކަށް އެނގޭނެއެވެ. އަހަރެންނަށް ވިސްނުނު ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެކަން އެނގިގެން އެފައިސާތަކަށް ފާރަލަނީއެވެ. އެހެންކަމުން ގޭތެރެއިން ވަޅިއެއް ހޯދައިގެން ގެނެސް ބާލީސްދަށަށް ލައިގެން، އެވަރުން ހިތްހަމަ ނުޖެހިގެން ގެންގުޅުނު ބްރިފްކޭސްވެސް ހުރިތަނުން ނަގައިގެން ގެނެސް، އެނދާއި ފާރާ ދޭތެރެއަށް ލައިފީމެވެ. ގެންގުޅުނު ހުރިހާ ފައިސާއެއް ހުރީ އޭގައި ކަމަށް ވާތީއެވެ. އަދި އެއް އަތުން ބައްތި ހިފައިގެން ވަޅިވެސް ފަސޭހައިން އަތުޖެހޭ ހިސާބުގައި ބާލީސްދަށު ބާއްވައިގެން ތައްޔާރުވެލީމެވެ. ވަގުންގެ މީހަކު ގެއަށް ވަދެއްޖެނަމަ، ސަލާމަތްވުމަށް ޓަކައެވެ. ނަމަވެސް އިރުކޮޅެއްފަހުން ގިފިލި ތެރެއިން އިވުނު އަޑު ކެނޑިއްޖެއެވެ. އެހެން އޮއްވާ އަހަރެންނަށް ވެސް ނިދިއްޖެއެވެ.

ހުވަފެނުން ލިބުނު މެސެޖްތައް

“މާ އުފަލުގައި އުޅެން ނަހަދާތި!” ނިދުނު ތަނާހެން، ން މީހަކު މިހެން ބުނި އަޑުއިވިގެން ސިހިގެންގޮސް ކުއްލިއަކަށް ތެދުވެއްޖައީމެވެ. ހަމައެއާއެކު ބައްޕަ ނިޔާވުމުގެ ދެ ދުވަސް ކުރިން ފެނުނު ހުވަފެނުގެ މަތިންވެސް ހަނދާން ވެއްޖެއެވެ. އެހުވަފެނުގައި ފެނުނީ، ހުސިންބެ (ރަށުގައި އުޅޭ ފަންޑިތަ ހަދާ މީހެއް) އައިސް އަހަރެންގެ ގާތުގައި މިހެން ބުނަނިކޮށެވެ. “ރިޔާޒް އެވެ. މިގޭގައި ދެން ޓާގެޓް ކުރެވޭ މީހަކީ ކަލެއެވެ. ކަލެއަކަށްވެސް މިތާގައި ނޫޅެވޭނެއެވެ. މިކަން ހަނދާން ކުރާށެވެ.” މިދެ ހުވަފެނާމެދު ވިސްނާލުމުން ގޯހެއް އުޅޭހެން ހީވި ނަމަވެސް ހުވަފެނަކީ ބިލާހެކޭ މީހުންބުނާތީ، އަނެއްކާވެސް އޮށޯވެލައިފީމެވެ. ނަމަވެސް އޮށޯތުމުގެ ކުރިން އަނެއްކާވެސް ހުރިހާ ކުޑަދޮރެއްގައި ތަންޑު އެޅުވިފައި ހުރިތޯ ބެލީމެވެ. އޭރު އެއް ކުޑަ ދޮރުގައި ތަންޑު ނޭޅުވި ހުއްޓެވެ. އެހެންކަމުން އެ ދޮރުގެ ތަންޑު އެޅުވުމަށްފަހު އަނެއްކާވެސް އޮށޯވެ ލޯ މަރާލައިފީމެވެ.

“އަޑުނީވެނީތަ؟ ގޮތް ދޫނުކުރާނަންތަ؟” ހުވަފެނުގައި މިހެން ބުނިއަޑަށް އަނެއްކާވެސް ސިހިގެންގޮސް ދެވަނަ ފަހަރަށް ހޭލެވިއްޖެއެވެ. ހަމަ އެޔާއެކު ރުކެއް ކަނޑާފައި ވައްޓާލިފަދަ ބާރުއަޑެއް މިސްކިތާ ދިމާއިން އިވިއްޖެ އެވެ. ނަމަވެސް އެއީ ރުކަކުން ވެއްޓުނު ފަނެކޭ ހީކޮށް އަނެއްކާވެސް އަޅާނުލައި އޮތީއެވެ. އެހެން އޮއްވާ ކުއްލިއަކަށް ގޭ ފުރާޅު އެއްކޮށް ގުޑުގުޑު އަޅައިގަތެވެ. ހީވީ ބިންހެލުމެއް އައިހެންނެވެ. ޓިނުތައްވެސް ހީވަނީ ދެންމެ ދެންމެ ވިއްސައިގެން ހިނގައިދާނެ ހެންނެވެ. ނަމަވެސް އެއީ ވައިގަދަވުމުން ވީކަމެއް ކަމަށްހީކޮށް މަޑުމަޑުން އޮތީއެވެ. ނަމަވެސް ހިތުގައި ޝައްކު އުފެދިފައިވާތީ ދެން އަހަރެން އޮތީ ފިސާރި ހުށިޔާރު ވެގެންނެވެ. އެހެންއޮއްވާ ކުއްލިއަކަށް ބިރުގަންނަ ޒާތަކަށް ކުޑަދޮރު ހުޅުވިއްޖެއެވެ. އެއީ އަހަރެންގެ ދެއަތުން ތަންޑު އެޅުވި ކުޑަދޮރެވެ. ދޮރު ހުޅުވުނީ މީހަކު ދޮރުގައި ޖަހާ ކުއްލިއަކަށް ހުޅުވާލާ ގޮތަށެވެ.

އެހިސާބުން އަހަރެން ވަރަށް ބިރުގެންފިއެވެ. އެއީ ތަޅުލާފައިހުރި ދޮރެއް އެގޮތަށް ހުޅުވެންވީ އެއްވެސް ސަބަބެއް ނުވިސްނޭތީއެވެ. ނަމަވެސް ވަގުން އުޅޭކަމަށް ހީކޮށް ކުއްލިއަކަށް އެނދުން ފުންމާލައިގެން ބައްތިން އަލިކޮށް އެ ސަރަޙައްދު ބަލާލައިފީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ބޭރުން ފެންނާކަށް ނެތެވެ. އެހެންވެ އަނެއްކާވެސް އެދޮރު ލައްޕައި ތަންޑު އަޅުވައިފީމެވެ. ނަމަވެސް ދެން އޮށޯތުމުގެ ކުރިން ގޭގެ ހުރިހާ ކޮޓަރިއަކާއި ހުރިހާ ތަނެއް ވަކިވަކިން ބައްތިން އަލިކޮށް ބަލައިފީމެވެ. ގޭތެރޭގައި އެހެން އެއްވެސް މީހަކު އުޅޭތޯއެވެ. ނަމަވެސް ގޭގެ އެއްވެސް ތަނަކުން ގޭތެރޭގައި މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންވުމުން އަނެއްކާވެސް އައިސް އެނދުގައި އޮށޯވެއްޖައީމެވެ. ކުޑައިރުކޮޅަކުން އަނެއްކާވެސް ނިދިއްޖެއެވެ.

ފަހުގެ އިންޒާރު

“ކަލެއަށް އޮވެދޭނަން” އަނެއްކާވެސް ނިދުނުތަނާ މިހެން މީހަކު ބުނިއަޑަށް ސިއްސައިގެން ގޮސް، ހޭލެވުނުއިރު ކަމަކު ދާކަށް ނެތެވެ. ގެ ހީވަނީ ފުނޑުފުނޑު ވެދާނެ ހެންނެވެ. ފުރާޅު ބާރަކަށް ތެޅެނީ އެވެ. ބަދިގޭގައި ހުރި ތެއްޔާއި ސަމުސާ ތަޅުވާ އަޑު އިވެއެވެ. ގޭގެ އެތަންމިތާގައި ތަޅާއަޑުވެސް އިވެއެވެ. ހީވަނީ މިޔުޒިކު ކުޅެން ނުދަންނަ ބޭންޑެއްގެ ބަޔަކު އެއްވެ ބެރުޖަހާ ހެންނެވެ. ޚާއްޞަކޮށް ގޭގެ ބިއްދޮށު ފަރާތުގެ ދޮރުވެސް އޭރު ހީވަނީ މީހަކު ވަރަށް ބާރަށް ތަޅައި ނައްޓާލަފާނެ ހެންނެވެ. އެވަގުތު ކުރިން ހުޅުވުނުގޮތަށް އަނެއްކާވެސް ކުޑަދޮރެއް ހުޅުވިއްޖެއެވެ. އަހަރެން ކުއްލިއަކަށް ތެދުވެ ގެންގުޅުނު ވަޅި ފައިގައި ހަރުކޮށް، ގޭގައި އޮތް ކުޑަ ޓޯޗުބައްތި ޖީބަށް ޖަހައި، ބޮޑު ބައްތީގައި އައު ބޮއްކެއް ހަރުކޮށް، ދެބައްތިވެސް ތައްޔާރުކޮށްފީމެވެ. އަހަރެން ހީކުރީ ކޮޓަރީގައި ތިބި ޢާއިލާގެ އެހެން މީހުންތިބީ ނިދާފައި ކަމަށެވެ. މިހާރު ގޭތެރެއިން އެއިވޭ އަޑުތަކުގެ ސަބަބުން ގޭގައި ހިނދުކޮޅަކުވެސް ތިބުމަކީ ރަނގަޅު ކަމެއްނޫން ކަމުގައި އެވަގުތު އަހަންނަށް ވިސްނުނެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ނުކުމެ މުޅި ސަރަޙައްދަށް އަލިކޮށް ބަލައިފީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. އެގޮތަށް އަލިކުރަމުންގޮސް މިސްކިތާއި ދިމާއަށްވެސް އަލިކޮށްފީމެވެ. އޭރު މިސްކިތުގެ ގަޑިން މެންދަމު 2:40 ވީއެވެ. މިސްކިތުގައި ކޮންމެވެސް މީހަކު ނަމާދު ކުރަން ހުއްޓެވެ. އެތަން ފެނުމުން ކޮންމެވެސްވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެންކަމުން މިއިވޭ އަޑުތަކަކީ މާބޮޑު ކަމަކަށް ނަހަދާ ހުރިހާ ދޮރެއްވެސް އަނެއްކާ ރަނގަޅަށް ލައްޕައި ތަޅުލުމަށްފަހު އެނދުގައި ޖައްސާލައިފީމެވެ. ދެތިންރޭ ނުނިދާ ހުރުމުގެ ސަބަބުން އެނދުގައި އޮށޯތުމާއެކު ނިދެއެވެ. “ކަލެއަށް އަޑު ނީވެނީހޭ. ފުރާނަ ބޭނުންތަ؟” ހުވަފެނުން މިހިސާބަށް (ހުސިންބެ) ބުނިތަނާ ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ. ކުއްލިއަކަށް ބަލާލެވުނީ ކުޑަދޮރާ ދިމާއަށެވެ. އޭރު ކުޑަދޮރެއްވަނީ ހުޅުވިފައެވެ. ކުރިން އިވުނު އަޑުތައް މިހާރު މާގަދައެވެ. ހީވަނީ ނަގޫރޯޅިއެއް އަރައިގެން އުޅޭހެނެވެ. އެހިސާބުން ގޭގައި މަޑުކުރުމަކީ ރައްކާތެރިގޮތެއް ނޫންކަން ޔަޤީންވެއްޖެވެ. ދެން ގެއަށް އަންނާނީ ފަންޑިތަ ހަދާމީހަކާ ބައްދަލުކޮށް ވާނުވާ އޮޅުން ފިލުވުމަށްފަހު ކަމަށް ޢަޒުމް ކަނޑައަޅައި ޢާއިލާގެ ދެންތިބި މީހުންނަށް މިއަޑުތައް އިވޭތޯ ބެލުމަށް ކޮޓަރީގެ ހޮޅިބުރި ދިއްލާލައިފީމެވެ.

އެހެން ގެއަކަށް ބަދަލުވުން

ކޮޓަރީގެ ބޮކި ދިއްލުމާއެކު މަންމަ ކުއްލިއަކަށް ދެލޯ މެރިއެވެ. އެއާއެކު، މަންމަ އޮތީ ހޭލާހޭ އަހަރެންނަށް އަހާލެވުނެވެ. މަންމަ “އާއެކޭ” ބުނެލިއެވެ. މިތާގައި އެއްވެސް ކަމެއް އެބަ ހިނގާތޯ އަހަރެން ސުވާލު ކުރީމެވެ. ބޭބެ ގަންނަ ހުރިހާ ސަކަރާތެއް ފެނެއޭ އަޑުއިވެއޭ އަޒުއްލާ އާއި މަންމަ އާއި ދެމީހުންވެސް ބުނެފިއެވެ. އަޒުއްލާ އަކީ އަހަރެންގެ އެންމެ ހަގު ކޮއްކޮއަށް ލޯބިން އަހަރެން ކިޔާނަމެވެ. އެހާ ހިސާބުން، އެމީހުންވެސް ތިބީ ބިރުން ހަދާނެގޮތް ނޭނގިފައިކަން އަހަންނަށް ވިސްނުނެވެ.

އަހަންނަށް ފެނުނު ކަންކަމާއި، ހުވަފެނުގައި ލިބުނު މެސުޖުތަކުގެ ސަބަބުން، ހިނދުކޮޅަކަށްވެސް ގޭތެރޭގައި ތިބުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެންމެން ގޮވައިގެން ގެއިން ނުކުންނަން ދަތުރު ހަދައިފީމެވެ. ކުރީގައި ހުރެގެން ކޮޓަރިން ނުކުމެ ގޭގެ ބިއްދޮށު ފަރާތު ދޮރާ ދިމާއަށް އެއްކަލަ ބޮޑު ބައްތިން އަލިކޮށްލީމެވެ. އެއާއެކު ކުއްލިއަކަށް އޭގެ ބޮކި އަނދައިފިއެވެ. އެވަގުތު ޖީބުގައި އޮތް ކުޑަބައްތި ނަގައިފައި ފަޔާއި ދިމާ ބިމަށް އަލިކުރަން އަޒުއްލާ ގާތުގައި ބުނެ، ބޮޑު ބައްތީގެ ބޮކި ބަދަލުކޮށްފީމެވެ. ދެން އަނެއްކާވެސް ގޭގެ ވަލުފަރާތުގެ ދޮރާ ދިމާއަށް ބޮޑުބައްތިން އަލިކޮށްލީމެވެ. ނަމަވެސް ދޮރު ކީއްކުރަން ހެއްޔެވެ؟ ގޭގެ ފާރުވެސް ނުފެނެއެވެ.
އަހަރެން ކުރީގައި ހުރެގެން އަޒުއްލާ އަތަށް ކުޑަ ބައްތި ދީފައި އޭނާ އެންމެ ފަހަތުގައި ބަހައްޓައިގެން ނުކުމެގެން ދިޔައީ މަގުގެ އަނެއް ފަރާތުގައި ހުރި އަހަރެމެންގެ ރައްޓެއްސެއް ކަމުގައިވާ ކަލޯދައްތަމެންގެ ގެއަށެވެ. އެގޭ މީހުންނަށް ގޮވާގޮވާ އެއްވެސް ޚަބަރެއް ނުވިއެވެ. އެހެންވެ ދެން ނައްޓާލީ އާބޭމެން ގެއަށް ދާށެވެ. އާބެއަކީ އަހަރެންގެ ތިމާގެ މީހެކެވެ. ކިތަންމެ ދުރުގައި އާބޭގެ ގެހުއްޓަސް ދެން އެންމެ ބޮޑު ހިމާޔަތެއް ލިބޭނީ އެތަނުންކަމަށް ބަލާފައި، އެގެއަށް ދާން ގަސްތުކުރީއެވެ.

އާބެމެންގެ ގެއަށްދާން ނައްޓާލިތަނުން “ބޭބޭ އެހެރީ” އޭ އާޒިމް (އަސްލު ނަމެއް ނޫން) ބުނެފިއެވެ. އެހެން ބުނުމާއެކު އެދިމާއަށް އަޅުގަނޑާއި މަންމައަށް ބަލާލެވުނީ އެއްފަހަރާއެވެ. އޭރު މިސްކިތާވީ ފަޅީގައި ގޭގެ ގޯތިތެރޭގައި ހުރި ފޭރުގަހެއްގެ ކައިރީގައި އަނެއް ފަރާތަށް މޫނު އަނބުރައިގެން ވިއްސަކަށްފޫޓްގެ ބިޔަ މީހަކު ހުއްޓެވެ. ގޭ ފުރާޅުމަތިން އެމީހެއްގެ ބޯ އަރައެވެ. އެހިސާބުން މަންމަ އަޒުއްލާގެ މޫނުގައި އަތްއަޅައި އަނެއް ފަރާތަށް އަނބުރާލާފައި “މިތަނަށް އަލިކުރާށޭ” ބުނެފިއެވެ. ދެން އާބެމެން ގެއަށް ދާން ނައްޓާލައިފީމެވެ. ގެއާ ޖެހިގެން އޮތް “ބެރިމަގު” ކިޔާމަގުން ދާން އުޅެފައި އެމަގުން ދިއުމަކީ އަމާން ކަމަކަށް ނުވާތީ އަހަރެމެން ދިޔައީ ބޮޑު މަގުންނެވެ. ބޮޑު މަގުންގޮސް އެޅީ އާބެމެންގެ ހުރި މަގަށެވެ. އެއީވެސް ދިގު މަގެކެވެ. އެމަގުގައި ރަށުގައި ކުރިން ކަތީބުކަން ކުރި ކުޑަ އަހަންމަދޭބޭގެ ގެ ފަޅަށް ހުއްޓެވެ. އެގެއާއި ޖެހިގެން ހުންނަނީ އަންހެން މިސްކިތެވެ. އެގެއާ އަރާ ހަމަވިތަނާ އަޑެއް އިވިއްޖެއެވެ. އެދިމާއަށް ބަލާލިއިރު އެގެއާއި އަންހެން މިސްކިތާ ދެމެދުގައި އޮތް ހުސްޖާގާގައި ކުރިން ފެނުނު ބޮޑު މީހާ ހުއްޓެވެ. ހަމަ އެސިފައިގައި އެކުލައިގައި ފުރަގަސް ދީގެނެވެ. ދެން ހިނގުން ބާރުކޮށް ގޮސް އާބެމެން ގޭމީހުންނަށް ގޮވާލައިފީމެވެ. އޭރު އާބެ ވީ ފަރުމަސްވެރިކަމު ގޮހެވެ. ނަމަވެސް އެގޭގައި ތިބޭތާ އިރުކޮޅެއްގެ ތެރޭގައި އާބެ މަހުން އަތުވެއްޖެއެވެ.

ދެވަނަ ރޭގައި ކަންތައް ދިމާވިގޮތް

ދެވަނަ ރޭގެވެސް ގޭގައި ނިދުމުގެ އުންމީދުގައި އާބެމެން ގެއިން ގެއަށްދާން ހިނގައިގެންފީމެވެ. ނަމަވެސް ފަޅުގޯއްޗާއި އަރާހަމަވިތަނާ ފިނި ވައިރޯޅިއެއް ޖެހުނުހެން ހީވިއެވެ. ގައިން ދިޔައީ ހީބިހި ނަގައިގެނެވެ. ދެން ކުއްލިއަކަށް ބަލާލެވުނީ އެފަޅު ގޯތީގެ ތެރެއަށެވެ. އޭރު ފަޅުގޯތީގެ ބިއްދޮށުގައި އޮތް އޮޅުދަނޑާއި ދިމާލުގައި ކުޅިވަރު ކުޅުމަށް ކުލަބޮކިތައް ދިއްލާފާއިވާގޮތަށް ތިރީހަކަށްފޫޓް ފުޅާމިނުގައި ޒީނަތްތެރިކޮށް ދިއްލާފައިވަނިކޮށް ފެނިއްޖެއެވެ. ޕިރަމިޑެއްގެ ސިފައިގައެވެ. އެ އަލިގަނޑުގެ އުސްމިން ވަރަށް މައްޗަށް ހުއްޓެވެ. އެހިސާބުން ހިތުގައި ބިރުވެރިކަން އުފެދުނު ނަމަވެސް ހިތްވަރުކޮށްފައި ދިޔައީ ގެއަށެވެ. ގެއާއި އަރާހަމަވެފަ ބެލިއިރު އަނެއްކާވެސް ކުރިންރޭ ހުރިތަނުގައި ހަމަ އެއްކަލަ މީހާ އެބަހުއްޓެވެ. އެހެންކަމުން އެރޭ ގޭގައި ނިދުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެރޭ އަހަރެމެން ނިދީ ކަލޯދައްތަމެން ގޭގައެވެ.

ފަންޑިތަ ހަދާ މީހެއްގެ އިރުޝާދު

ކަންތައް ދިމާވިގޮތުން، އަހަރެންގެ ހުވަފެނުގައި ފެނުނު ހުސިންބެއާ ވާހަކަ ދެއްކީމެވެ. ވީ ހުރިހާ ގޮތެއް ކިޔައިދިނީމެވެ. ހުސިންބެ ބުނިގޮތުގައި ބައްޕަ އަކީ ޖިންނި އަވަލާފައިވާ މީހަކަށް ވުމާއެކު ބައްޕަ ގެންގުޅުނު އެއްޗެހި ނައްތާލަން މަންމައަށް އިރުޝާދު ދިނީއެވެ. ނަމަވެސް ރަށުގައި އުޅޭ ވަރަށް ފަޤީރު މީހަކު އެތަކެތި ބޭނުން ވާހަކަ ބުނުމުން މަންމަ ގޭގައި އެތަކެތި ނައްތާނުލައި ބެހެއްޓީއެވެ. އެއަށްފަހު އަވަށްޓެރިންގެ އިރުޝާދާއެކު، ޖިންނި ރައްކަލަށް މީހަކު ލައްވައި ފަންޑިތަ ހެއްދީއެވެ. އެހެންކަމުން ޖިންނި ޝައިޠާނުންގެ ބަޔަކު ގޭތެރޭގައި ތާށިވީއެވެ. އެކަން ރަނގަޅު ކުރެވެން އޮތީ ގެ އަށް ހެދި އެތިފަހަރު ނައްތާލައިގެންނާއި އިތުރު ފިޔަވަޅުތައްވެސް އަޅައިގެންނެވެ.
އަހަރެން މާލެ އައިސް މަޝްހޫރު ފަންޑިތަ ހަދާ މީހަކާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ހިއްސާކުރީމެވެ. އަދި 1998 ވަނަ އަހަރު ކ.ވިލިގިލީ ރިސޯޓުގެ އެނދެއްގައި ބައްޕަ ނިދާފައި އޮއްވާ ވައްޓާލި ވާހަކަ އާއި ބަލިވެ އޮތް އިރު ބައްޕައަށް ދިމާވި އެކި ހާދިސާތައް ކިޔައިދީފީމެވެ.

ކ.ވިލިނގިލީގައި ދިމާވި ހާދިސާއަށްފަހު ބައްޕަގެ އެއްފަރާތުންވަނީ ވާގިނެތިފައެވެ. އޭނާ ބުނިގޮތުގައި ބައްޕައާއެކީ އުޅުނީ އެންމެ ޖިންނިއެއް ނޫނެވެ. އެއްބަޔަކު ގޭގައި މަޑުކޮށްފައި ބައްޕަގެ ގަބުރާއެކުވެސް ޖިންނިތަކެއް ދާނެވެ. ނަމަވެސް ވަޅުލާ ހިސާބުން އެމީހުންނަށް އެ މައްޔިތާ ގެއްލުނީއެވެ. ދެން އެމީހުން އެނބުރި އަންނާނީ ކުރިން ބައްޕަ ބަލިވެ އޮތް ތަނަށެވެ. އެތަންވާނީ އެމީހުންގެ ދާއިމީ ޖަގަހަ އަކަށެވެ. އެހެންކަމުން ޖިންނި ރައްކަލަށް ހެދި އެތިފަހަރުގައި އެއްބަޔަކު އެތެރޭގައި ތާށިވެފައި ތިބިއިރު އަނެއްބަޔަކަށް ނުވަދެވިފައި ތިބުމުން ތާށިވެފައި ތިބި މީހުން ނިކުންނަން ކުރާ މަސައްކަތުގައި ބިރުވެރިކަންތަކާއި ދިމާވަނީއެވެ. ބައްޕަޔަށް އެހެން ދިމާވާން ލަފާކުރެވެނީ އެވޭލާ ޒަމާނުއްސުރެ ގޯއްޗާހެދި އެއްބަޔަކު އަނެއް ބަޔަކަށް ކަންވެރިކަން (ފަންޑިތަ) ހެދީމައެވެ.

މަންމަ ދައްކާފައިހުރި ވާހަކަތަކާއި އަހަރެންގެ ހަނދާނުގައި ދިމާވެފައިވާ ހާދިސާތަކަށް ވިސްނާލުމުން އެއީ ތެދު ޙަޤީޤަތްކަން ޤަބޫލު ކުރެވެއެވެ. ދެން ޓާގެޓް ކުރެވޭނެ މީހަކީ އަހަރެންކަންވެސް އެނގުނެވެ. އެއީ ދިމާވެފައިވާ ހާދިސާތަކާއި ބައިވަރު ސަބަބުތަކެއް ހުރެގެންނެވެ. އަދި އެގޯތީގައި ދެން ބަޔަކަށް ދިރިއުޅެވޭނީ ގޭ ފުރާޅު ނަގާފައި ވާރެ އާއި އަވީގައި ޒަމާންތަކެއް ވަންދެން ބަހައްޓައިގެންކަމަށް އޭނާ އިރުޝާދު ދިނެވެ. މިހާރު އެގެ ފެނުނަސް ބިރުގަނެއެވެ. އަހަރެންގެ ނަސޭހަތަކީ ޢާއިލާގެ މީހަކުވެސް އަދި އެއްވެސް އިންސާނަކުވެސް ދުވަހަކުވެސް އެގޯތީގައި ދިރި ނުއުޅުމެވެ. އެއީ ރައްކާތެރި ކަމަކަށް ނުވާތީއެވެ. މިހާރު އަހަރެންގެ ޢާއިލާ ދިރިއުޅެނީ މަންމަ އާއި އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޭގައެވެ. އެތައް ޒަމާނެއްވަންދެން އުޅުނު ގެއާއި އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!