ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށް ހުރިހާ މަރުކަޒުތަކެއް ތައްޔާރީ ހާލަތަކަށް ގެނެވިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން އިން ހާމަކޮށްފިއެވެ.
އީސީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ހުރިހާ އޮފިޝަލުންނާ ތަކެތި ހަމައަށް ފޮނުވި ވޯޓުނެގުން މިއަދު ހެނދުނު 8:00ގައި ހުރިހާ މަރުކަޒެއްގައި ފެށޭ ވަރަށް ވަނީ ތައްޔާރުވެ ނިމިފައި ކަމަށެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ނިމެން ކައިރިވުމުން ވޯޓު ލާ ގަޑި އިތުރު ކުރެ އެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އީސީން ނިންމާފައި ވަނީ އެއްގޮތަކަށް ވެސް ވަގުތު އިތުރު ނުކޮށް ކުރިން އިއުލާންކޮށްފައި އޮތް ވަގުތަށް ވޯޓު ނިންމުމަށެވެ.
ރާއްޖެއިން ބޭރުގައި ވޯޓުު ކުރިޔަށް ދާ ތިން ގައުމަށް އީސީގެ މުވައްޒަފުން ވަނީ ފޮނުވައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓަށް ތައްޔާރީތައް ނިމިފައިވާ ކަމަށް އީސީން ބުނެއެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.