ބޮއްކުރާ ދޮށަށް އޮޑި ކެނބުން މިއީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ހިނގާ ބަހެކެވެ. އަންހެނަކު ފިރިހެނެއް ދެކެ ލޯބިވެ އެކަން ހާމަކޮށް އިންނަން އެހުމަކީ ދިވެހީންގެ މި މުޖުތަމައުގައި ވަރަށް ހަޑިކަމެއް ކަމުގައި ދެކި މަލާމާތް ކުރުމުގެ ގޮތުން ބައެއް ފަހަރު މި ބަސް ބޭނުންކުރައެވެ. މި ޒަމާން މިހާރު މިދަނީ މާޒީއާއި އެކުވެ ގޮސްފައެވެ.
އަންހެނަކަށް ފިރިހެނަކު ދެކެ ލޯބި ވެވިދާނެއެވެ. އިންނަންވެސް އެހިދާނެއެވެ. މިއީ މިހާރު އާންމު ކަމެކެވެ. އަންހެންކުދީންގެ ސައިލް ފަހަތުގައި އިނދެ ފިރިހެން ކުއްޖާއަށް ބުރުޖަހާލެވެއެވެ.
ބުރުޖަހާލާނެ ސައިކަލެއް ނޫނީ ކާރެއް ނެތް އަންހެނަކު މިހާރު ވަރަށް މަދުވާނެއެވެ.
އޭރު ބޮއްކުރާގެ ހުންގާނުގައި ފިރިހެނަކު ހުއްޓަސް މިއަދު ސައިކަލުގެ ހުންގާނުގައި ހިފަނީ އަންހެނުންނެވެ.
މިއީ ލަދުވެތި ކަމަކަށް ނުވާ އިރު އަންހެނަކު ފިރިހެނެއްގެ ގާތުގައި އިންނަން އެހުމަކީ ލަދުވެތި ކަމަކަށް ވާނެ އެއްވެސް ސަބަބެއް ނެތެވެ.
ލަދުގަންނަންވީ ލޯބި ހާމަނޮކޮށް ބެސްޓްފުރެންޑެއްގެ ގޮތުގައި ކައިވެނި ނޮކޮށް އެކުގައި އުޅުމަށެވެ. މިއަދުގެ އަންހެނުންނަކީ އެއްވެސް ކަމެއްގައި ފިރިހެނަކަށް ދޫދޭބައެއް ނޫންކަން މުޖުތަމައަށް ބަލާލުމުން ފެނިގެންދާނެއެވެ.
ބޮޑެތި މަގާމްތަކަށް ކެރިގެން ކުރިމަތިލާން ކެރޭ ކާމިޔާބު މީހުންގެ ތެރޭގައި އަންހެނުން ހިމެނެއެވެ. ބޮޑެތި އިންތިޚާބު ތަކުގައި ފިރިހެނުންނާއި ވާދަކޮށް އަންހެނުން ކުރި ހޯދައެވެ.
މިއީ ލަދު ގަންނަވަރުގެ ކަމަކަށް ނުވާ އިރު ކައިވެނިކުރުމަށް ހުށަހެޅުމަށް އަންހެނަކު އިސްނަގަން ލަދުގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ.
އިސްލާމީ ތާރީޚަށް ބަލައިލާ އިރު މި ދުނިޔޭގައި ކުރެވުނު އެންމެ މާތް އެންމެ މަތިވެރިކަން ބޮޑު ކައިވެނި ކުރެވިފައިވަނީ އަންހެން ކަނބަލަކު އިސްނެންގެވުމަށެވެ.
މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅަށް އިސްނެންގެވީ ޚަދީޖަތުގެފާނެވެ. ޚަދީޖަތުގެފާނަކީ އަންހެނުންނަށް ނަމޫނާ ކަނބަލެކެވެ.
ޒަވާޖީ ހަޔާތަކާއި ހަމައަށް ގޮސްފި ނަމަ އަންހެނަކަށް ވީތީ ލަދު ނުގަންނާށެވެ. ފިރިހެންކުއްޖާ ލޯބި ހުށަހަޅަންދެން އިންނަން އަހަންދެން ނުހުރެ އިސްލާމީ ރިވެތި އާދަތަކުގައި ހިފައި އަވަހަށް ކައިވެނި ކުރާށެވެ.