ތިބާގެ ލޯބިވާ ދަރިފުޅަކީ ހިތުގެ ނޫރު، ބައްޕަގެ ޕުރިންސެސް އެދަރިފުޅަށް ކުރެވޭ ކުށްތަކަށް އިސްލާހުކުމަށް ލޯބިން ނަސޭހަތްދެވެއެވެ.
ނަމަވެސް ދަރިންގެ ހުރިހާ ކަމެއްގައި މުޅިގޭތެރޭގެ ހުރިހާ ޒިންމާއެއް އަދާކުރާ ތިމާގެ އަނބިމީހާއަށް ކުރެވޭ ކުއްތަކަށް ހަޅޭލަވައި އަނިޔާކޮށް އިސްލާހްކުރުވަން ތިޔަ އުޅެނީ އެއީ އެހެން މީހެއްގެ ދަރިއަކަށް ވީމަހެއްޔެވެ؟ އެއީވެސް ބައެއްގެ ހިތުގެ ނޫރެވެ. ބައްޕައެއްގެ ޕްރިންނެސްއެކެވެ.
ތަފާތަކީ މިއަދު އޭނާ އެ ހުރި މަޤާމެވެ. އެއީ މިއަދު ތިބާގެ ބެލުންތެރިކަމުގައި ހުރި ލޯބިވާ އަނބިމީހާއެވެ. ތި ގޭގެ އޮޅިގަނޑެވެ.
އަނބިމީހާގެ އިހްސާސްތައް ދަނެގަނެ އަނިޔާނޮކޮށް ކަންތައްތައް އިސްލާހު ކުރެވޭނެއެވެ. މިއީ ލޯބިވާ އަނބިމީހާއަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
- ކަމެއް ދިމާވާއިރަށް އަޑުގަދަކޮށް ހަޅޭނުލަވާށެވެ. ދިމާވާ ކަންތައްތައް ވާހަކަދައްކައިގެން ހައްލުކުރަން އާދަކުރާށެވެ.
ކަންތައްތައް އިސްލާހުކުރަން ޖެހޭނީ ލޯބިންނެވެ. ހަޅޭލަވަން ފަށައިފި ނަމަ އިސްލާހުވުމުގެ ބަދަލުގައި ދިރިއުޅުން ބޮއްސުންލުން ގާތެވެ.
- ކާ އެއްޗިއްސަށް ފާޑުކިއުން ހުއްޓާލާށެވެ. އިސްލާހުކުރުމަކުރެވޭނީ ފާޑުކިޔައިން ނޫނެވެ. ގޯސްކޮށް ކުރެވޭކަންތައްތައް ބުނެދީ ލޯބިން ވިސްނައިދީގެންނެވެ.
- އަނބިމީހާއަށް ކުރެވޭ ރަނގަޅު ކަންކަމަށް ތައުރީފު ކުރާށެވެ. ކުރާ ރަނގަޅު ކަންތައްތައް ފާހަނގަކޮށް ތައުރީފް ކުރުމާއި އެކު އަގުވަޒަން ކުރާށެވެ.
- ދަރިންގެ ކުރިމަތީގައި އަނބިމީހާއަށް ކުރެވޭ ކުއްތަކުގެ ވާހަކަ ނުދައްކާށެވެ. އެއީ އެކުދީންގެ މަންމައާއި ދޭތެރޭގައި އޮންނަ އިހުތިރާމް ކުޑަވެގެންދާނެކަމެކެވެ.
- ތިބާގެ އަނބިމީހާ އިސްލާހުކުރުމުގެ ވިސްނުމުގައި އެހެން އަންހެނަކާއި އަޅާނުކިޔާށެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ތަފާތު މީހެއްކަން ދަނެ ގޭތެރޭގެ މަސައްކަތް ތަކުގައި އަނބިމީހާއަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭށެވެ.
ދަރިންނަށް ނަމޫނާ ބައްޕައަކަށް ވެވޭނީ އެދަރިންގެ ކުރިމަތީގައި އެދަރީންގެ މަންމަ އަށް އިހުތިރާމް ކޮށް އެމަންމަ އަށް ކުރެވޭ ކުށްތަކަށް ލޯބިން މާފު ދޭނެ ފިރިއަކަށް ވެގެންނެވެ. ގޭތެރޭގެ ކަންކަމުގައި ބައިވެރިވެ ދަރިންވެސް ބައިވެރި ކުރުވާށެވެ. ގޭގެ ރާނީއަކީ އަނބިމީހާއެވެ. ގޭގެ ދިރުމަކީ އެއީއެވެ.