ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ، ޔޫއެންއާރްޑަބްލިއުއޭ އިން ބުރާސްފަތި ދުވަހު ބުނީ، ޣައްޒާގެ ސިޓީގެ ދެކުނުގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަންތައް ވަރުގަދަކުރި ފަހުން ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 80،000 އެއްހާ މީހުން ރަފާހު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
“މި އާއިލާތަކަށް ލިބޭ ގެއްލުންތަކަކީ ކެތްކުރެވޭނެ ވަރުގެ ކަމެއްނޫން. އެއްވެސް ތަނެއްގައި އެމީހުންނަކަށް ހިޔާވަހިކަމެއް ނެތް. ” ޔޫއެންއާރުޑަބްލިއުއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ބުރާސްފަތި ދުވަހު ބުނީ ހަމާސް އެއްކޮށް ނައްތާލެވެންދެން އެގައުމުގެ އަސްކަރިއްޔާއިން ހަމާސްއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ މިހެން ބުނެފައި މިވަނީ ރަފާހުގައި ބޭނުންކުރުމަށް އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފައިވަނިކޮށެވެ.
ޣައްޒާގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން ރަފާހުގައި އާންމުންނާ ދެކޮޅަށް އިޒްރޭލުން އެ ހަތިޔާރު ބޭނުންކޮށްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، 2،000 ޕައުންޑާއި 1،800 ޕައުންޑްގެ ހަތިޔާރާއި 1،700 ޕައުންޑްގެ ބޮން ގެނައުން މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެމެރިކާއިން ބުދަ ދުވަހު ވަނީ ބުނެފަ އެވެ.
އިސްރާއީލުން ރަފާހަށް ހަމަލާދޭން ބުނުމުން އެމެރިކާގެ އޮފިޝަލުން އެކަމާ ދެކޮޅު ހަދަމުންދާތާ ހަފުތާތަކެއް ވެފައިވާއިރު، އިސްރާއީލުގެ އޮފިޝަލުން ވަނީ ހަމާސް ބަލިކޮށް ޣައްޒާގައި ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް އެތަނުގައި އޮޕަރޭޝަނެއް ހިންގާނެ ބުނެފަ އެވެ.

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ރަފާހު ދޫކޮށް ދަނީ.—ފޮޓޯ:ރަމަޟާން އަބޭދު/ރޮއިޓަރސް
ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ ހަތިޔާރު ބަދަލުކުރުން މެދުކަނޑާލުމުން ރަފާހާއި މެދު އިސްރާއީލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް އައިސްފައިވާކަން ނުވަތަ ނޫންކަން އަދި ބުނަން ނޭނގޭ ކަމަށެވެ. އިސްރައީލާއި މެދު އެމެރިކާއިން އިތުރަށް ފިޔަވަޅު އަޅަން އިނގޭނީ ރަފާހާއި މެދު އިސްރާއީލުން ކަންތައް ކުރާ ގޮތުގެ މައްޗަށް ކަމަށް އޭނާ ބުނެފައި އެވެ.
ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ މުއްދަތުގައި ވެސް ރަފާހުގައި އިސްރާއިލުން ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެ އިސްރާއީލުން ހުށަހެޅި ހުށަހެޅުންތައް ކިރްބީ ވަނީ ބަލައިނުގަންނާނެ ކަމަށް ނިންމާފައެވެ. އަދި އެމެރިކާއިން ތާއީދު ކުރާނީ ހަނގުރާމަ ހުއްޓާލުމަށް ކަމަށާއި ހަ ހަފުތާ ވަންދެން މުޅި ޣައްޒާގައި ހަމަޖެހުން ގާއިމުކުރެވިގެންދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
އިސްރާއީލުން ބުރާސްފަތި ދުވަހު ރަފާހަށް ބަޑީގެ ހަމަލާތައް ދީފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ މެދުތެރޭގެ ހަމާސްގެ މަރުކަޒުތައް ކަމަށް ބުނެ އެކި ތަންތަނަށް ހަމަލާދީފައެވެ.
ރަފާހުގެ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރޭގައި، ތެލުގެ އިތުރުން އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާތީ އދ.ގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަފާހުގެ ތަލް އަލް ސުލްތާން ސަރަހައްދުގައި ކުނިތަކުގެ ތެރޭގައި ފަލަސްތީނުގެ ޒުވާނަކު ކުޑަކުއްޖަކު ގޮވައިގެން ހިނގާފައި ދަނީ.– ފޮޓޯ: އޭއެފްޕީ/ގެޓީ އިމޭޖާސް
ރަފާހަކީ މިސްރުން އެހީ ގެނައުމަށް ބޭނުންކުރާ މައި މަގަށްވެފައި ވެފައި ކައިރީގައި އޮންނަ ކަރަމް އަބޫ ސަލީމް ނުވަތަ ކެރެމް ޝަލޯމް ހުރަސްކުރާ ސަރަހައްދަށް އިސްރާއީލުން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ޝިޕްމަންޓްތައް އެތެރެކުރެވޭނެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނީ ކެރެމް ޝަލޯމް ސަރަހައްދު އަލުން ހުޅުވާފައިވާ ކަމަށެވެ. ނަމަވެސް އދ އިން ބުނީ ފަލަސްތީނުގެ ސަރަހައްދަށް މިހާތަނަށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވަދެވިފައި ނުވާ ކަމަށާއި، އެ ސަރަހައްދު ކައިރިއަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދަށް މީހުން ގޮސްފައިނުވާ ކަމަށެވެ .
މިދިޔަ ހަފުތާ ބަންދުގައި ހަމާސްގެ ރޮކެޓް ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ ހަތަރު މީހަކު މަރުވުމާއި ގުޅިގެން ކެރެމް ޝަލޯމް ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ޓޭންކް ބްރިގޭޑުން ވަނީ ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ރަފާހަށް ދިޔުމަށް ބޭނުންކުރާ މަގުވެސް ބަންދުކޮށްފައެވެ.

ޣައްޒާގެ ދެކުނުގެ ރަފާހުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ގެއްލުން ލިބުނު ގެއެއް — ފޮޓޯ: ހާޓެމް ޚާލިދު/ރޮއިޓާސް
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ރަފާހުގައި ގާތްގަނޑަކަށް 1.2 މިލިއަން މީހުން ހިޔާވަހިކަން ހޯދަމުން އަންނަ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އިސްރާއީލުން ހަމާސްއާ ދެކޮޅަށް ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ބައެއް ވީރަނާވެ ހަލާކުވެފައިވާއިރު، ރައްކާތެރިކަމާއި ހިޔާވަހިކަން ހޯދުމަށް އެހެން ސަރަހައްދުތަކަށް އެތައް ބަޔަކު ވަނީ ގޮސްފައެވެ.
އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުގެ ދެކުނުގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި 1200 މީހުން މަރުވުމާއި ގާތްގަނޑަކަށް 250 އެއްހާ މީހުން ގައްޒާގައި ހައްޔަރުކުރުމާއި ގުޅިގެން ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ގާތްގަނޑަކަށް 100 އެއްހާ މީހުން ވަނީ މިނިވަންކޮށްފަ އެވެ.

ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހުސްވެ ބަލިތައް ފެތުރެމުން ދާތީ ފަލަސްތީނުގެ އާއިލާތައް ރަފާހު ދޫކޮށް ދަނީ .–ފޮޓޯ: މުހައްމަދު އަބޭދު/އޭއެފްޕީ/ގެޓީ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހަމާސް ޖަމާއަތުގެ އެތައް ހާސް ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.