ހައްތާވެސް ދަރީންނެނެވެ. ހައްތާވެސް ދަރީންނެވެ.
މިއީ މުހައްމަދު ޖަމީލް ލިޔުއްވާފައިވާ ކުރުވާހަކައެކެވެ. މި ވާހަކަ ނަގާފައިވަނީ އެއްވެސް އުނިއިތުރެއް ނެތި ވާހަކަގައި ލިޔެފައިވާ ގޮތަށެވެ. މިވާހަކަ ގެންނަން ގަސްތުކޮށްފައިވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ރައީސް ދެއްވި ހިތާބާއިއެކު މި އާޓިކަލް ހިމަނާފައިވާތީއެވެ. މިއަދުގެ ރައީސުލްޖުމްހީރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އެދިވަޑައިގަންނަވަނީ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިއްބެވި ކަމުގައިވީނަމަވެސް މުސްލިމު ކޮންމެ ކުއްޖަކީވެސް ހައްތާވެސް ދަރީން ކަމުގައެވެ.
ކޮންމެ މަޔަކަށްވެސް ހަބަރު ލިބުމާއިއެކު އަތުގައިއޮތް މަސައްކަތެއް ދޫކޮށް އެއްލާލާފައި ދުއްވައިގަންނަނީ ގޮނޑުދޮށަށެވެ. އަތިރިމައްޗަށެވެ. “މަގޭ ދަރި އޭ” ގޮވަމުންނެވެ. އަތިރިމައްޗަށް ރަށުއެންމެން ނިކުމެ ތިބޫއެވެ. އަންހެން ފިރިހެން ކުދި ބޮޑު އެންމެނެވެ. “ކުއްޖަކު ފެތިއްޖެޔޯލަ” އޭ ގޮވައިލި ގޮވައިލުމަށް ނިކުތް އެންމެނެވެ.
ކޮންމެ މީހަކުވެސް އަތިރިމައްޗަށް ނުކުމެ އެންމެފުރަތަމަ ކަޅި ހިންގައިލަނީ އެތަނަށް އެއްވެތިބިކުދީންގެ މައްޗަށެވެ. ތިމާގެ ދަރި، ނުވަތަ ދަރީން ހަމަޔަށް ތިބިތޯ ބަލައިލުމަށެވެ. ދަރީން ފެނުނީމާ މައިންތައް އެއުޅޭ ގޮތަކީ އަސަރުން ފުރިގެންވާ ގޮތަކަށެވެ. ދުވަފައިގޮސް އުރައިލައެވެ. އޮޅު ލައިގަނެވެ. އުރައިލަފައި ބަހައްޓައެވެ. ރޮއިގަނެއެވެ. ހީވެސް ގަނެއެވެ. ތެދެކެވެ. ދަރީންގެ މައްޗަށް މައިމީހާގެ ހިތުގައިއޮންނަ ލޯތްބާއި ކުލުނު އެތައްގުނައަކަށް އިތުރުވެގެންވެއެވެ.
އަތިރިމައްޗަށް ނިކުމެތިބި މީސްތަކުން ހޭލަމޭލައަށް އުޅެމުންދާއިރު، އެރަށު ދޮންސޮރުގެ ދެމެފިރީން އެތިބެނީ ހިމޭންވެފަ އެވެ. ހުއްޓުންއަރައިފައެވެ. ރޮއިގަންނާވެސް ނޭނގިފައެވެ. ދެ ލޮލަށް އޮހިގަންނާން ތައްޔާރަށް އޮތް ކަރުނަތައް އޮތީ ހިފަހެއްޓިފައެވެ. ފައިބަގަންނާން ވެސް ނޭނގިފައެވެ.
އެތައްއިރެއްވީފަހުން ދޮންސޮރު ބޭގެ އަނބި ހަދީޖާ އަޑުންއަޑުންނަގައި ރޮއި ހޭރިގަތެވެ. “ދޮންސޮރާ ! އަހަރެމެން ގެ ކޮޔެއްވާ ނެއްތޯ!” މިހެންކިޔައި ރޮއިގަތީ އެއްގަމުން އައިމީހުން އެކޮއި ނުފެނުނު ވާހަކަ ބުނީމެވެ. ރަށުގެ އެހެންހުރިހާ ކުދީން ހަމަޔަށްތިބީ ވާހަކަވެސް ބުނީ މައެވެ. އޭރުން ފީނާ މީހުން ފީނަނީއެވެ. އަޑީ ގައި އަތްފުނާ އަޅާމީހުން އަތްފުނާ އަޅަނީއެވެ. ވިލުދޮޅި އާއި ހަމަޔަށް މަސައްކަތް ކުރަނީއެވެ. އޭގެ ތެރެއިން އެކަކު ވިލުދޮޅިއަށް ފީނައިގެން އިރުކޮޅެއް ވެފައި އެރިއިރު، ކޮނޑުމަތީގައި އޮތީ މަރުވެފައިވާ އިންސާނެއްގެ މަސްގަނޑެވެ. ދޮންސޮރުބޭގެ އިބްރާހީމް ކޮއިގެ މަސްގަނޑެވެ.
ރޯމީހުން ރޮނީއެވެ. މާނޭވާލާމީހުން މާ ނޭވާލަނީއެވެ. އެފަދަ ކަންތައްތަކުގައި ދިވެހިން ކޮށްއުޅޭ ހުރިހާ ފަރުވާއެއް ކުރަމުން ގެންދެއެވެ. ނަމަވެސް އިބްރާހީމް ކޮއިގެ ހުވާހެއްނެތެވެ. ނޭވާ ވަނީ ހުއްޓިފައެވެ. ވިންދުވެސް ހުއްޓިފައެވެ. އެކޮއި އޭރު އޮތީ ހުއްޓިފައެވެ. ދޮންސޮރޮބޭގެ ދެމެފިރިން ލޮލުން ފައިބާންފެށި ކަރުނަ ވެސް ވަނީ ހުއްޓިފައެވެ.
ކަށުކަމާކެމީގެ ކަންކަން ކުރަމުން ގެންދިޔައިރު، އެދެމެފިރިންތިބީ ހުއްޓުންއަރައިފައެވެ. ގަނޑުވެޔޭ ކިޔާކަހަލަ ގޮތެއްވެފައެވެ. އެންމެފަހުން ވަޅުލައި ތަލަކުން ފެންޖަހައި ފަސްގަނޑު އެއްވަރުކޮށްހަދައި ނިމުމާއިއެކު ދެމެފިރިން ބަޑިފަޅައިގެން ދިޔައެވެ. ޙަދީޖާ އަޑުންއަޑުނަގައި ރޮއިގަތެވެ. ދޮންސޮރުބެޔަށް ވީއަދި އެހެން ގޮތެކެވެ.
ދެ އަތް މައްޗަށް ނަގައިގެންހުރެ ހަޅޭ ލައްވައިގަތެވެ. އޭރު ދޮންސޮރުބެ ހުރީ ހަމައިން ނެއްޓިފައެވެ. ދެ ލޯ ވަނީ ރަތްވެފައެވެ. ބޮޑުވެފައެވެ. ދެމިޔަކަނުގައި ފޮނު ހެދިފައެވެ. ދެއަތް މައްޗަށް ނަގައިގެންހުރެ ގޮވައެވެ. ޔާ- ރައްބަކަލާކޯއޭ! މިއަޅާއަށް މިފަދައިން އަނިޔާއެއްދެއްވީ މިއަޅާ ކޮން ކުށެއްކޮށްގެންތޯއެވެ. މިއަޅާކުޅައީ ކޮން ފާފައެއްތޯއެވެ؟ ފާފައެއް ނުކުރަމެވެ. ކުށެއް ނުކުރަމެވެ. މިއަޅާއަށް ދެއްވީ އެންމެ ދަރިއެކެވެ. އެންމެ ފުރާނައެކެވެ. އެނޫންދަރިއަކު މީގެ ފަހުން ނުލިބޭނެކަމަށް ސެންޓަރުން ބުންޏެވެ. ފެމިލީން ވެސް ބުންޏެވެ. މާލޭ ޑަކްޓަރުންވެސް ބުންޏެވެ. އެންމެދަރިއެކެވެ.
އެދަރި ގެންދަވައިފީމުއެވެ. ކޮންފަދަ އަނިޔާއެއްތޯއެވެ. ؟ ޔާރައްބަ ކަލާކޯއެވެ! މިހެންގޮވައި އަޑުގެ ކޮޅަށް ހަޅޭލައްވައިގަތެވެ. އޭރު އެރަށު މުސްކުޅި މުދިންބޭ މިސްކިތުން ފައިބައިގެން ތުންތަޅުވަމުން އާދެއެވެ.
ދޮންސޮރުބެޔާއި އާރާހަމަކޮށްފައި ބުންޏެވެ. ބަލަ ދޮންސޮރުބެޔާއެވެ. މޮޔަނުވާށެވެ! ކުފުރުނުވާށެވެ! އަވަހަށް ތައުބާވާށެވެ! ބަލަ އެއީ ކާކުދިން ދަރިއެއްހެއްޔޭ؟ އެދަރި ދެއްވި ފަރާތުން ގެންދެވީއެވެ. ދެނެވެސް ކުއްޖަކު މީހަކަށް ހެދޯތޯ އުޅުނިއްޔާ ފަހެ ވާނީ ކީއްވެހޭ؟ ގެންދެވި ކޮއިގެ މައްޗަށް ތިޔަދެމެފިރިންގެ ހިތުގައިއޮތް ލޯބި އެހުރިހައި ކުދިންނަށް ބަހާލައި ދިނިއްޔާ ފަހެވާނީ ކީއްހޭ؟
އެހެން ހަދައިލެވިއްޖެ ނަމަ އެތިބީ ހައްތާ ދަރީންނެވެ. ހައްތާ ދަރިންނެވެ. މިހެންބުނެ ދޮންސޮރުބޭ ކޮނޑުން އަތް އެއްލައި، ދެން ގޭދޮށަށް ދަމާ ހިނގާށޭ ބުނުމުން ދޮންސޮރުބ، މުދިން ބެޔާއެކު އިސްޖަހައިގެން ހުރެ ގޭ ދޮށަށް ދަނީއެވެ.
ދަމުން މަޑުމަޑުން އެބަ ކިޔައެވެ.
ހައްތާވެސް ދަރީންނެނެވެ. ހައްތާވެސް ދަރީންނެވެ.