މިދިޔަ ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީއިން ހެދި ވަގުތީ މާރުކޭޓުގެ ޓިނުތައް، މިސަރަހައްދަށް މިހާރު ޖެހެމުންދާ ގަދަ ވަޔާއެކު، ވަޔާ ދާން ފަށައިފި އެވެ.
މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވައި ގަދަވުމުގެ ސަބަބުން ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި ވަޔާއެކު މުޅި އެ ސަރަހައްދުގައި އަންނަނީ އެނބުރެމުންނެވެ. އަދި މާރުކޭޓުގެ އެތެރޭގައި ހުރި ގޮނޑި ފަދަ ހިފާ ގެންގުޅޭ ސާމާނު ވެސް ވަޔާއެކު އެކި ދިމަ ދިމާލަށް ވަނީ ބުރައިގެންގޮސްފައެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަގޮތެއްގައި އެ ސަރަހައްދުން ދުއްވާފައިދާ އުޅަނދުތަކާއި، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ވަނީ މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި އަޅާފައިވާ ވަގުތީ މާރުކޭޓަކީ މިދިޔަ އަހަރުގެ ރަމަޟާން މަހު ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އެ ސަރަހައްދުގައި އެޗްޑީސީން ގާއިމުކުރި މާރުކޭޓެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެ ސަރަހަށްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހެމުންނެވެ. މި ވިއްސާރާގައި މީގެ ކުރިންވެސް އެކި ރަށްރަށުގެ ގޭގޭގެ ފުރާޅު އެއްލާލާފައިވެ އެވެ. މެޓު އޮފީހުން އެންމެ ފަހުން ނެރުނު އެލާޓުގައި ބުނެފައިވާ ގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

