ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ރައިޓް އޮނަރަބްލް ލޯރޑް ރިޗަޑް ބެންޔޯންއާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެ ވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.
ދެ ޤައުމުގެ ދެމެދު އޮތް ގުޅުމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައްޗަށް، ހާއްސަކޮށް ސިޑްސްއާއި ގުޅުންހުރި މައްސަލަތަކުގެ މަޝްވަރާތައް ރައީސާއި މިނިސްޓަރ އޮފް ސްޓޭޓްގެ މި ބައްދަލު ކުރެއްވުމުގައި ކުރިއަށް ގެންދަވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ލޯރޑް ބެންޔޯން ވަނީ ދިވެހިރާއްޖެއިން ސިޑްސްއަށް ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ތަނަވަސް ކަމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ތަޢުރީފު ކުރައްވާފައެވެ.