ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ ބައިގައި ކުއީން ބީސް އަތްދަށުކޮށް ފިޓް ފެމިނައިނުން ފުރަތަމަ މޮޅު ހޯދައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަނުގެ މެޗެކެވެ. މި މެޗު ފިޓް ފެމިނައިނުން ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ކުއީން ބީސް ގެންދިޔައިރު ޖެހިގެންއައި ދެ ސެޓު 25-22 އަދި 25-20 އިން ގެންދިޔައީ ފެމިނައިނުންނެވެ. ހަތަރުވަނަ ސެޓު 25-17 އިން ނަގައި ކުއީން ބީސް އިން މެޗު އެއްވަރުކޮށް ފަސްވަނަ ސެޓަށް މެޗު ގެންދިޔައެވެ. ނަމަވެސް، ފަހު ސެޓުގައި ފެމިނައިން ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި 15-8 އިން ސެޓު ނަގައި މެޗު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ފެމިނައިނުން ވަނީ މުބާރާތުގައި އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ހޯދައިފައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ޑީއާރުސީ ވިމެންސް އަތުން ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިހާތަނަށް ތިން މެޗު ހަމަކޮށްފައިވާ ކުއީން ބީސް ވަނީ ދެ މެޗުން ބަލިވެ އެއް މެޗުން މޮޅުވެ މުޅިއެކު ތިން ޕޮއިންޓް ހޯދައިފައެވެ. ލީގުގައި ފެމިނައިން ޓީމަށް އަދި ބާކީ ދެ މެޗު އޮތްއިރު ކުއީން ބީސް އަށް އޮތީ އެންމެ މެޗެކެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.