ސަރުކާރު ހަރަދު ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ބަޖެޓުން ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ފާއިތުވި 6 މަސްދުވަހު އެ ވުޒާރައިން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ، ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިމެނޭ 25 އަށްވުރެ ގިނަ ކުންފުނީގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް ދާއިމީކޮށް މާލީ ވުޒާރާގެ ފަރާތުން ރިވިއު ކުރަމުންދާ ކަމަށެވެ. އަދި ސަބްސިޑީދޭ މިންވަރު ކުޑަކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ތެރޭގައި އެ ކުންފުނިތަކަށް އިސްލާޙީ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އެބައޮތެވެ.
ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދައުލަތުން ޕްރައިވެޓް ސެކްޓަރއަށް 4.9 ބިލިއަން ރުފިޔާގެ ފައިސާ ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް 6.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު މިއަހަރު ދައުލަތުގެ ބަޖެޓުން މަދުވެގެން 5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިއަހަރުގެ ބަޖެޓް ޑެފިސިޓަކީ ގާތްގަނޑަކަށް 14 ބިލިއަން. އެކަމަކު ފައިނޭންޝަލް ރިކުއަޔަމަންޓް އެބައުޅޭ 17 ބިލިއަންގައި. މިއާއެކު އަޅުގަނޑު އުންމީދުކުރަނީ 5 ބިލިއަންވަރު މަދުވެގެން ސޭވްކުރެވޭނެ ކަމަށް. އިރާދަކުރެވިއްޔާ އެއަށްވުރެ ބޮޑު ޢަދަދެއް ސޭވްކުރެވޭނެ. މިހާރުވެސް ވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު އަދަދެއް ސޭވްކުރެވިފައި.” ޝަފީޤް ވިދާޅުވިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވީއިރު 90 ދުވަހަށްވުރެ ދިގު މުއްދަތައް ފައިސާ ނުދެއްކި ހުރި ބިލްތައްވެސް އެތައް ސަތޭކަ މިލިއަނަށް އަރާފައި ހުރިކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތަކީ 49 ބިލިއަނުގައި އޮތް ބަޖެޓެއް ރިފޯމް ކުރުން ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ސަރުކާރު ހަވާލުވިއިރު ޚަރަދު ހުރިގޮތައް ދާންޖެހުނުނަމަ މިއަހަރު 10 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަލަން ޖެހުނީސް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.