ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީ, އާ ދައުރުގެ މަޖިލިސް މެމްބަރުގެ ގޮތުގައި ދާއިރާ އަށް ކުރެއްވި ފުރަތަމަ ދަތުރު ހޫނު މަރުހަބާ އަކާ އެކު ތިނަދޫ ސިޓީ އަށް ރޭ ވަޑައިގެންފިއެވެ.
މީގެ ކުރިން ވެސް ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ކަން ކުރައްވާފައިވާ މެމބަރު ސަޢުދުﷲ 20 ވަނަ ދައުރުގެ ދެވަނަ ދައުރުގެ މެމްބަރުގެ ޙައިސިިއްޔަތު ލިބި ވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީސް އަމިއްލަ ދާއިރާ ކުރެއްވި ދަތުރުފުޅުގައި ތިނަދޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ވަނީ ރަށުގެ ބަނދަރު ސަރަހައްދަށް ވަޑައިގެންފައެވެ.
މެމްބަރުން ސަޢުދުﷲ ރޭ ތިނަދޫއަށް ވަޑައިގެން ފުރަތަމަވެސް ވަޑައިގަތީ ތިނަދޫ ގައި މިހާރު ވަރަށް ފޯރިއާއި އެކީ ކުރިޔަށް ދާ ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024 ގެ ރޭގެ 2 ވަނަ މެޗް ޝަރަފުވެރި ކޮށްދެއްވާފައެވެ. މަޖިލިސް މެމްބަރެއްގެ ގޮތުގައި މީގެ ކުރިން ދައުރު އަދާ ކުރެއްވި އިރުވެސް ސަޢުދުﷲ ހިލްމީ އަކީ ދާއިރާ ރައްޔިތުންނާ ވަރަށް ކައިރިން މަސައްކަތް ކުރައްވާ އެދައުރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ރަށުގެ ތަރައްޤީއަށް ކުރައްވާ ނަތީޖާ ނެރެދެއްވި ބޭފުޅެކެވެ.

ތިނަދޫ ގައި މިހާރު ކުރިޔަށް ދާ ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024 ގެ ރޭގެ 2 ވަނަ މެޗް ޝަރަފުވެރި ކޮށްދެއްވާ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އިނާމު ޙަވާލު ކޮށްދެއްވަނީ
20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވާފައިވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. އޭގެ ތެރޭގައި ތިނަދޫ ދެ ދާއިރާގެ ދެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މިފަހަރުގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ އެއް މެންބަރު، އެމްޑީއޭގެ ދެ މެންބަރުން އަދި ޖޭޕީގެ އެއް މެންބަރު ހިމެނޭއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 2 މެމްބަރަކު މިފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

