ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި އިންފިނިޓީ ބަލިކޮށް ފިޓް ފެމިނައިން އިން ލީގު ތާވަލުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު އިންފިނިޓީގެ މައްޗަށް ފިޓް ފެމިނައިނުން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-03، 25-20 އަދި 25-11 އިންނެވެ. މެޗުގެ ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ފިޓް ފެމިނައިނުގެ ޖާޒީ ނަންބަރު 09 އާމިނަތު ޝާޔަން ޝާމިންއެވެ.
މި މޮޅާއެކު ފިޓް ފެމިނައިނަށް ވަނީ ތިން މެޗުން 5 ޕޮއިންޓް ލިބިފައެވެ. އަންހެން ޑިވިޝަނުގެ ތާވަލުގެ އެންމެ ކުރީގައި އޮތީ ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައިވާ ޑީއާރުސީ ވިމެންސް އެވެ. ދެވަނައިގައި ހަތަރު މެޗުން ހޯދި 7 ޕޮއިންޓާއެކު ކުއީން ބީސް އޮތްއިރު ފިޓް ފެމިނައިނުގެ ފަހަތުން ހަތަރުވަނައިގައި އޮތީ ދެ މެޗުން ހޯދި 3 ޕޮއިންޓާއެކު އޯލް ސްޓާރެވެ. ފުލުގައި އޮތް އިންފިނިޓީ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މީގެ ތެރެއިން އެއްވަނައިގައި އޮތް ޑީއާރުސީ ވިމެންސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފައެވެ. އަނެއްކޮޅުން ފައިނަލުގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ކުއީން ބީސް، ފިޓް ފެމިނައިން އަދި އޯލް ސްޓާރަށްވެސް އެބައޮތެވެ. އަންހެން ޑިވިޝަނުގެ ލީގު ބުރުގައި ބާކީ ކުރިއަށް އޮތީ ދެ މެޗެވެ. އެއީ އޯލް ސްޓާރާއި އިންފިނިޓީ ވާދަކުރާ މެޗާއި އޯލް ސްޓާރާއި ފިޓް ފެމިނައިން ބައްދަލުކުރާ ގަދަ ހިފުމެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަނުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ޝޫޓިންގް ސްޓާރޒްއާ ޑީއާރުސީ މެންސް ވާދަކުރާއިރު ދެވަނަ މެޗުގައި ސްކޯޕިއަންސް ބައްދަލުކުރާނީ ސޭމް ސޭމްއާ އެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.