ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ ’ކޫލް ސްކޫލް‘ ޕްރޮޖެކްޓް އިފުތިތާހުކޮށްފިއެވެ.
’ކޫލް ސްކޫލް‘ ޕްރޮޖެކްޓް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މާފުށީ ސްކޫލްގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ދިޔައީ މާފުށީ ސްކޫލެވެ. މާފުށީ ކައުންސިލުން ވަނީ މި ޕްރޮޖެކްޓްގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަންދެއްވާފައެވެ.

މާފުށީ ސުކޫލް ދަރިވަރުން ،ކޫލް ސްކޫލް‘ ޕްރޮޖެކްޓް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި: ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
’ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
“މި ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައި. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެ” މިނިސްޓްރީ
މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރުމަށް މި މިނިސްޓްރީއިން މިވަނީ އަމާޒު ހިފާފައި ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ ކަމަށާއި، އުފާވެރިކަން އިހުސާސް ވާނެ ކަމަށެވެ.
މިގޮތުން ފިނިކަމާއެކު ދަރިވަރުންގެ ސްލޫކަށް ހެޔޮބަދަލު އައިސް އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.