އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އެކުލަވާލުމަށް 2 ދުވަހުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނީ ރިހެބިލިޓޭޓިވް ތެރަޕީގެ މަސައްކަތްތައް ކުރައްވާ އެންމެހާ ފަރާތްތަކާއިއެކު މޭ 31 އިން 1 ޖޫން އަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ސިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީގެ ފެންވަރު ރަނގަޅު ކުރުމަށް އަދި އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ މިންގަނޑުތައް އެކުލަވާލެވުމަށް ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.
ދިވެހިރާއްޖޭގައި މިވަގުތު ތެރަޕީ ދިނުމުގެ މަސައްކަތް ކުރާ 5 ދާއިރާއެއްގެ ތެރަޕިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ. މި 5 ދާއިރާއަކީ ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަ ތެރަޕީ އަދި އާލީ އިންޓަވެންޝަނެވެ. މީގެ އިތުރުން ސައިކޮލޮޖިސްޓުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން އިން ބުނީ 5ދާއިރާގެ ތެރަޕީ ދިނުމުގައި ޤައުމީ ފެންވަރުގައި ބަލާނެ މިންގަނޑުތަކެއް ވަނީ އެކުލަވާލެވިފައި ކަމަށާއި، ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމާއިއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާ ކަމަށެވ. އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ޚިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ގޮތަށްވެސް ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

