ޢީސާ عليه السلام ގެ މީލާދުގެ ދެ ހާހަކަށް އަހަރުކުރިއެވެ. الله سبحانه وتعالى ގެ އަމުރުފުޅާ އެއްގޮތަށް އިސްމާޢީލުގެފާނާއި ޙާޖަރުގެފާނާ އެކު މައްކާގެ ބިމަށް ވަޑައިގެން، ހަނަފަސް ސަހަރާގައި އެ ދެމައިކަނބަލުން ބައިތިއްބަވައިފައި އެނބުރި ވަޑައިގެންނެވީ ކަދުރުކޮޅަކާއި ފެންކަންވާރެއް އެ ބޭފުޅުންގެ އަރިހުގައި ބަހައްޓަވައިފައެވެ. އެހިނދު އިބްރާހިމްގެފާނުގެ ފަހަތްޕުޅުން ހާޖަރު ދުވެވަޑައިގެން ވިދާޅުވިއެވެ. “އޭ އިބްރާހީމްގެފާނެވެ! ހަނަފަސް ސަހަރާއަކަށް ތިމަންމެން ދެމައިން ދޫކުރައްވައި ވަޑައިގަންނަވަނީތޯއެވެ؟” އެ ސުވާލު ތަކުރާރުކުރެއްވުމުން ވެސް އިބްރާހިމްގެފާނު ބަސްފުޅެއް ވިދާޅުނުވެ ވަޑައިގަންނަވާތީ އެންމެ ފަހުން ހާޖަރު ވިދާޅުވިއެވެ. “ތިޔައީ މާތް ﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތްތޯއެވެ؟” ޖަވާބުގައި އިބްރާހިމްގެފާނު “އާދޭހެވެ” ވިދާޅުވިއެވެ. ދެން ހާޖަރު ވިދާޅުވިއެވެ. “އެހެންވިއްޔާ އެކަލާނގެ އަހަރެމެން ގެއްލެނިވި ނުކުރައްވާނެތެވެ.”
ހާޖަރުގެފާނު ޖަވާބު ދެއްވެވީ ކުރު ޢިބާރާތަކުންނެވެ. އެހެން ނަމަވެސް އެ ދެއްވި ޖަވާބަކީ ޢިބްރަތުގެ ކަންޒެކެވެ. އެ ކަމަނާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ފިލާވަޅަކީ މާތް ﷲ ގެ އަމުރުފުޅަށް ބޯލަނބާ އެއްވެސް އަޅެއް ގެއްލެނި ނުކުރައްވާނެކަމެވެ. މާތް ﷲ އަށް ޙައްޤު ގޮތުގައި ވަކީލުކުރާ އަޅަކަށް އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމަކީ ފަސޭހަކަމެއްކަމެވެ.
ދެން އިބްރާހިމްގެފާނު އެ ދެމައިކަނބަލުންނާ ދުރަށް ވަޑައިގެން ދުޢާފުޅެއް ކުރެއްވިއެވެ. ﴿رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ﴾ (ابراهيم: ٣٧) މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، އިބަރަސްކަލާނގެ ޙުރުމަތްތެރި ކުރައްވައިފައިވާ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުން ކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒްޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރިވުމަށް ޓަކައެވެ.”
ތުއްޕުޅު އިސްމާޢީލުގެފާނާ އެކު ހާޖަރުގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި އިންނަވަނިކޮށް އަރިހުގައި ހުރި ފެންފޮދު ހުސްވެ ފެނަށް ޖެހިވަޑައިގެންނެވިއެވެ. އަދި ތުއްޕުޅު އިސްމާޢީލުގެފާނު ފެންފޮދެއް ބޭނުންފުޅުވެގެން ކީރިތިކުރައްވާން ފެއްޓެވިއެވެ. އެ ހިނދު ހާޖަރުގެފާނު ފެންފޮދެއް ހޯއްދެއްވުމަށް ޞަފާއާއި މަރުވާ ފަރުބަދަ ދެމެދު ދުވެވަޑައިގެންނެވިއެވެ. ތުއްޕުޅު އިސްމާޢީލުގެފާނު އޮންނެވި ދިމާއިން އެ ކަމަނާއަށް އަޑެއް އިވިވަޑައިގަތީ 7 ވަނަ ފަހަރަށް މަރުވާ ފަރުބަދައަށް އަރައިވަޑައިގަންނަވަނިކޮށެވެ. އެ ދިމާއަށް ބައްލަވައިލެއްވިއިރު އެ ކަމަނާއަށް ފެނިވަޑައިގަތީ އިސްމާޢީލުގެފާނު އޮންނެވި ދިމާއަށް ޖިބްރީލްގެފާނު ފައިބައިވަޑައިގެންނެވި މަންޒަރެވެ. ޖިބްރީލްގެފާނު އެކަލޭގެފާނުގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިއެވެ. އެ ޖެއްސެވިތަނުން ކޯދުލާފައި ފެންއަރާން ފެށިއެވެ. ހާޖަރުގެފާނު އަވަސްއަވަހަށް އެތަނަށް ވަޑައިގެން ކައިރިކައިރީ ހިލަކޮޅުކޮޅު ޖައްސަވައި ފެންގަނޑު ފެތުރިގެން ނުދާނޭގޮތް ހެއްދެވިއެވެ. އަދި “ޒަމްޒަމް”ގެ ނަމުން އެ ފެންގަނޑަށް ނަންދެއްވިއެވެ. އޭގެފަހުން ވާދީ މައްކާގައި މީހުން ވަޒަންވެރިވާންފެށިއެވެ.
މި ވާހަކައިން ލިބޭ އަނެއް ޢިބްރަތަކީ ކިޔަމަންތެރި އަޅުތަކުންގެ ދުޢާ މާތް ﷲ އިޖާބަކޮށްދެއްވާކަމެވެ. ޙާޖަރުގެފާނާއި ދަރިކަލުން އިސްމާޢީލުގެފާނައިގެން އިބްރާހިމްގެފާނު މައްކާއަށް ވަޑައިގެންނެވިއިރު އެއީ ހަނަފަސް ވާދީއެކެވެ. މި ވާދީގެ އަހުލުވެރީންނަށް މޭވާތަކުން ރިޒުޤުދެއްވުން އެދިވަޑައިގެން އިބްރާހިމްގެފާނު ދުޢާކުރެއްވިއެވެ. މި ވާދީއަށް ”މީސްތަކުންކުރެ ބަޔެއްގެ ހިތްތައް” ލެންބެވުން އެދި ދުޢާކުރެއްވިއެވެ. މި ދެ ދުޢާ މާތް ﷲ އިޖާބަކުރެއްވިއެވެ. މިއަދު މައްކާއަކީ ދުނިޔޭގެ އެކި ބައްރުތަކުން ގެނެވޭ އެކި މޭވާތަކުން ތިޔާގިވެފައިވާ ރަށެކެވެ. މިއަދު ވާދީ މައްކާއަށް މުސްލިމުންގެ ހިތްތައް ލެނބިފައިވާ ލެނބުމުގެ ބޮޑުކަން ޤަލަމަކުން ސިފައެއް ނުކުރެވޭނެއެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު