މިއަހަރުގެ ހައްޖުމަހުގެ ހަނދު ރޭ ސައުދީއަށް ފެނުމުން މިމަހުގެ ހައްޖު ދުވަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި މި ޖޫންމަހުގެ ފުރަތަމަ ހުކުރު ކަމަށްވާ މާދަމާ ކަނޑައަޅައިފިއެވެ.
ސައުދީ ސަރުކާރުން ރޭ ބުނީ ޛުލްހިއްޖާ މަހުގެ ހަނދު ފެނިފައިވާތީ އަރަފާތް ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. އެހެންކަމުން އަޟުޙާ އީދު ވާނީ މި ހިނގާ ޖޫން މަހުގެ 16 ވަނަ ދުވަހަށްކަމަށް ވެސް ސައުދީން ވަނީ ހާމަކޮށްފައެވެ.
ސައުދީން މިއަހަރުގެ ހައްޖުމަހުގެ ހަނދު ފެނުން އިއުލާން ކުރުމާ ގުޅިގެން، އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖޭގައި ވެސް މި އަހަރުގެ ހައްޖު މަހުގެ އެއް ވަނަ ދުވަހަކީ ހަތެއް ޖޫން، ވާ ހުކުރު ދުވަސް ކަމަށެވެ. އަދި އަރަފާތު ދުވަހަކީ 15 ޖޫން ހޮނިހިރު ދުވަސް ކަމަށާއި، އަޟުހާ އީދު ދުވަހަކީ 16 ޖޫން ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ހިޖުރީ ކަލަންޑަރުގައި ކުރިން އޮތްގޮތުން އަރަފާތު ދުވަސްވަނީ ޖޫން 16 އަށެވެ. އެހެންކަމުން އޭރު އޮތީ އީދު ވާނީ ޖޫން 17 ވަނަ ދުވަހަށް ކަމަށެވެ.
މިއަހަރުގެ ހައްޖާއި އަޟުހާ އީދު ހިމެނޭ ދުވަސްތަކުގެ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 22 ގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.

