މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބޮޑުބައެއް އަންނަ އަޟްހާ އީދުގެ ކުރިން ދޭން މަސައްކަތް ކުރަމުންދާ ކަމަށް ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ ކުރިއަށްއޮތީ މަސްވެރިންނަށް ފާގަތި ދުވަސްތަކެއް ކަމަށާއި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާދީ ހަލާސްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެހެންކަމުން ސަރުކާރު ފެށުނުއިރު މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާގެ ބޮޑުބައެއްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިފްކޯއަށް މަސް ގަތުމަށް ފަހުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެންމެ ފަހުން ސަރުކާރުން ދޫކުރީ މިދިޔަ އޭޕްރީލް މަހުގެ 22 ގައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި އޮތް ފައިސާގެ ކަންބޮޑުވުންތަކާއެކު މަސްވެރިންގެ މެދުގައި ހުރިކަންބޮޑުވުންތަކަށް ސަރުކާރުން ވަނީ ހައްލު ހޯދާފައެވެ. އެގޮތުން ބެކްލޮގް ކުލިއާރ ކުރުމުގެ ގޮތުން މަސްވެރިންނަށް ދީފައިވަނީ 881 މިލިއަން ރުފިޔާއެވެ.
ވަޒީރު މީގެ ކުރިން ވިދާޅުވީ މިހާތަނަށް މަސްވެރިންނަށް 62 މިލިއަން ރުފިޔާ ނުދެވި ހުރި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަހަށް ފައިސާ ދިނުމަކީ އެއްމެބޮޑު އެއް އަމާޒު ކަމުގައެވެ.