އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާތީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިންޑިޔާގެ ވެރިރަށް ދިއްލީގައި ހަރުކުރި ޕޯސްޓަރަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ރައީސް ޑރ މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވި ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް މުއިއްޒާ އެކު ދެކުނު އޭޝިއާގެ އެހެން ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އެ ރަސްމިއްޔާތަށް އެ ގައުމުގެ ވެރިރަށް ނިއުދިއްލީ ދަނީ ތައްޔާރުކުރަމުން ނެވެ.
ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ކުރިމަތީގައި މޯދީ އާއި ރައީސް ޑރ. މުއިއްޒުގެ ފޮޓޯފުޅު ޖަހާފައިވާ ބޯޑެއް ވަނީ ހަރުކޮށްފައެވެ. “އިންޑިއާ އަށް މަރުހަބާ” ޖަހާފައިވާ މި ޕޯސްޓަރަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އަދި އެތަކެއް ބަޔަކު ދަނީ މިޕޯސްޓަރަށް ޝައުގުވެރިކަން ފާޅުކޮށް އިންޑިޔާއާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ.
އެ ޕޯސްޓަރަށް ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ ސަބަބަކީ އިންޑިޔާއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވަނިކޮށް، ރައީސް މުއިއްޒު އިންޑިއާއަށް މޯދީގެ ދައުވަތަކަށް ވަަޑައިގަންނަވާތީއެވެ. އަދި އެހެން އެތައް ގައުމަކުން ދައުވަތު އަރުވައިގެން ބޭބޭފުޅުން ވަޑައިގަންނަވާއިރު އެފަދަ ޕޯސްޓަރެއް މެދުވެރިކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދަންނަވާފައިވާތީ، އެޕޯސްޓަރަށް ހާއްސަ ސަމާލުކަމެއް ލިބުނީކަމަށް ލަފާކުރެވެއެވެ. އަދި އިންޑިޔާގެ މީޑިޔާތަކުން، އިންޑިޔާއިން ރައީސަށް ދައުވަތު އެރުވުމާއި ރައީސް ޑރ މުއިއްޒު އިންޑިއާއަށް ދާން ލިބިވަޑައިގެންނެވި ދައުވަތު ގަބޫލުފުޅުކުރެއްވުން އަދި މަރުހަބާގެ މި ޕޯސްޓަރ ސިފަކޮށްފައިވަނީ ގުޅުން ރަނގަޅުކުރުމަށް އިންޑިއާއިން އިސްނެގުމުގެ ގޮތުގަ އެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި އިންޑިއާގައެވެ.
މޯދީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ އަވައްޓެރި ގައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމަށްޓަކައި އިންޑިއާއިން ތައްޔާރީތައް ވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.