ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީތެރިވުމަށް މިއަދު ފެށި، ފަލަސްތީނާއެކު ދިވެހިން ނަމުގައި ފެށި ހާއްސަ ގައުމީ ޓެލެތޯންގައި ސަރުކާރުގެ ވެރިން މިސާލެއްނެތްފަދަ ނަމޫނާއެއް ދައްކައިފިއެވެ.
މިއަދު ހެނދުނު ޓީވީއެމްގެ ސްޓޫޑިއޯގައި ކުރިއަށްގެންދިޔަ، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށްގެންދާ މި ޓެލެތޯން ފެށުމުގެ ރަަސްމިއްޔާތުގައި ސަރުކާރުގެ ގިނަ އަދަދެއްގެ ވެރިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓީވީއެމްގައި ބަހައްޓާފައިވާ ފަންޑް ފޮއްޓަށް ފައިސާ ހަދިޔާ ކުރައްވާފައެވެ.

“ފަލަސްތީނާއެކު ދިވެހިން” ފަންޑަށް ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ފައިސާ ހަދިޔާ ކުރެއްވުން – ފޮޓޯ: ރައީސް އޮފީސް
އޭގެތެރޭގައި ހުދު ރައީސް ޑރ. މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން، ޗެއާމުންވެސް ވަނީ ފަންޑް ފޮއްޓަށް ފައިސާ އަޅުއްވާފައެވެ. މިއިން ކޮންމެ ބޭފުޅަކުވެސް ފަންޑް ފޮއްޓަށް ފައިސާ އަޅުއްވާފައި ވަނީ ވަކިން ސިޓީ އުރައެއްގައެވެ.

މީގެ ކުރިންވެސް އެކިކަހަލަ ފަންޑް އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާއިރު ސަރުކާރުގެ އިސްވެރިން، އެއްވަގުތެއްގައި މިގޮތަށް ފަންޑު ފޮށްޓަށް ފައިސާ ދެއްވި މަންޒަރު ފެނުނު ހެން ހީނުވާއިރު މިކަމަށް ގިނަ ބައެއްގެ ތައުރީީފު ދަނީ އޮހެމުންނެވެ.
މި ޓެލެތޯންގެ ފަންޑު ފޮށިތައް އޮފީސްތަކާއި ސްކޫލްތަކުގެ އިތުރުން ޕާކުތައް އަދި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މި ޓެލެތޯން ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ.

