ކުދުއްފުށި ސީޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ބުނީ އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަން އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރޭން ކަމަށެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ދެ ކޮތަޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

