ފަލަސްތީނާއެކު ދިވެހިން ނަމުގައި ދައުލަތުގެ މީޑިޔާ އިން ކުރިއަށް ގެންދާ ޓެލެތޯން ގައި ބައިވެރިވެ، ސްޓޭޓް ޓްރޭޑިންގ އޯގަނަޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނާއެކު ދިވެހިން ޓެލެތޯނަށް 3 ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
އެސްޓީއޯގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި 300،000 ރުފިޔާގެ ފައިސާގެ އެހީ ހަވާލުކޮށްދީފައިވަނީ އެސްޓީއޯގެ ސީނިއަރ މެނޭޖްމަންޓުންނެވެ.
ފަލަސްތީނަށް އެހީވުމަށް ކުރިޔަށް ގެންދާ ޓެލެތޯންގައި ފައިސާ ހަދިޔާ ކުރުމަށް މާލެ ސަރަޙައްދުގައި އެސްޓީއޯ ހެޑް އޮފީހުގައި އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓްގައި ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ. މީގެ އިތުރުން، އަތޮޅުތަކުގައި ހުރި އެސްޓީއޯގެ އައުޓްލެޓް އަދި ފާމަސީތަކުގެ މުވައްޒަފުންވެސް އަންނަނީ މި ހަރަކާތުގައި ބައިވެރިވަމުންނެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި 1 މިލިއަން ރުފިޔާ ހަދިޔާކޮއްފައެވެ.
މި ޓެލެތޯނުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫ.އެން.އާރް.ޑަބްލިއު.އޭ) އަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.ތ
ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.
މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.
ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

