ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރު ކުރުމަށް، ތަމްރީނު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ކެއަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ ވުޒާރާއާއި ކެއަރ ސޮސައިޓީއާއި ދެމެދު ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
ޢިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒަރާއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިފައިވާ މީހުންގެ ތެރެއިން ވަޒީފާއަށް ހޮވިފައިވާ މީހުންނަށް ކަމަށެވެ. ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އެގޮތުން މަސައްކަތުގެ މާޙައުލުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ އަޚްލާގު ކިޔައިދޭނެއެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޢަމަލު ކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމުގެ މައިގަނޑު އެއް މަޤްޞަދަކީ އެމީހުންގެ ފަރާތުން އެހެން މީހުން ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުންތަކަށް ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކުރިއަށް އޮތް ތަނުގައި އިތުރު އެހެން މުއައްސަސާތަކާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެއް ކަމަކީ، މަސައްކަތުގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަހި މާޙައުލަކަށް ހެދުމަށް އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލު ގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ނިންމި ނިންމުމެވެ. އަދި މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލު ގެނެވެން ހުރި އޮފީސްތަކުގައި އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

