ހޫނު ގަދަވެގެން ނިޔާވި ހައްޖުވެރިންގެ އަދަދު 577 އަށް އަރާފައިވާ ކަމަށް ސައޫދި އަރަބިއާ އިން ހާމަކޮށްފިއެވެ.
ސައޫދި އަރަބިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ނިޔާވި 577 ހައްޖުވެރިންގެ ތެރެއިން 323 މީހުން ނިސްބަތްވަނީ މިސްރަށެވެ. އަދި ޖޯޑަން އިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ވެސް 60 މީހަކު ހޫނު ގަދަވުމުގެ ސަބަބުން ނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ސައޫދި އަރަބިއާ އިން ހާމަކުރާ ގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ހޫނުގަދަވެގެން ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅިގެން 2،800 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ފަރުވާ ދީފައިވެއެވެ.
މައްކާ ސަރަހައްދުގެ ހޫނުމިން 51 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ސައޫދި އަރަބިއާގެ މޫސުމާ ބެހޭ އިދާރާއިން އިއްޔެ ހާމަކުރިއެވެ. އެހެންވެ ހައްޖުގެ އަޅުކަމަށް ގޮސް ތިބި ދެ މިލިއަނެއްހާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަށް ސައޫދީ ސަރުކާރުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ހައްޖު މޫސުން ފެށުމުގެ ކުރިން ވެސް ސައޫދީން ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށް ވުރެ މިފަހަރު ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
މިދިޔަ އަހަރު ވެސް ގަދަ ހޫނުގެ ސަބަބުން ހައްޖުގެ އަޅުކަމުގެ ތެރޭގައި 240 މީހަކު މަރުވި އެވެ.