މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް ހިނގައްޖެ އެވެ.
މައްކާގައި 51.8 ޑިގްރީ ސެލްސިއެސް އަށް މި ދުވަސްވަރު ހޫނުމިން މައްޗަށް ގޮސްފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ހޫނުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވި މީހުން ގިނަ އެވެ.
ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަންޖެހޭ ހައްޖުގެ އަޅުކަމަށް މި އަހަރު 1.8 މިލިއަން މީހުން މައްކާއަށް ޖަމާވި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ޖަމާވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބަލި ހާލު ބޮޑު މީހުން ގިނަ ނަމަވެސް މި ގަދަ ހޫނުގައި ވެސް އަޅުކަން ފުރިހަމަ ކުރުމުގައި އެ މީހުން ބައިވެރިވި އެވެ.
ސައޫދީން މިދިޔަ މަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މައްކާ ސަރަހައްދުގެ ހޫނުމިން ކޮންމެ 10 އަހަރަކުން 0.4 ޑިގްރީ ސެލްސިއެސް އަށް މަތިވެ އެވެ.
އަރަބި ޑިޕްލޮމެޓަކު އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި މިސްރު މީހުންގެ އަދަދު މީގެ އެއް ދުވަސް ކުރިން 300 ގައި ހުރުމަށް ފަހު މިހާރު ވަނީ 600 އިން މައްޗަށް އަރައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޖޯޑަން އަދި އިންޑޮނޭޝިއާގެ ވެސް ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މަރުވި މީހުންގެ ޖުމްލަ އަދަދު 1000 އަށް އަރާ ކަމަށް އޭއެފްޕީ އަށް އެކި ގައުމުތަކުން ދީފައިވާ ހިސާބުތަކުން ދައްކަ އެވެ.
ގިނަ އަދަދެއްގެ މީހުން މަރުވެފައި ވާއިރު ވީނުވީއެއް ނޭނގިފައިވާ މީހުން ވެސް ގިނަ އެވެ. އަޅުކަމުގެ ތެރޭގައި މަރުވި ވަރަށް ގިނަ މީހުންނަކީ ހައްޖަށް ދިއުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި، ރަޖިސްޓްރީ ނުކޮށް އުޅޭތީ ހައްޖާޖީންނަށް ފޯރުކޮށްދީފައިވާ ފަސޭހަ ވަސީލަތްތަކުގެ ބޭނުން ވެސް ނުކުރެވޭ މީހުންނަށް ވާތީ އެފަދަ މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ އެއީ ކާކުކަން ދެނެގަތުން ވެސް ސައޫދީގެ ރަސްމީ އިދާރާތަކަށް އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.
ގެއްލިފައިވާ ހައްޖާޖީން ހޯދަން، އާއިލާތަކުން ހޮސްޕިޓަލްތަކާއި ކްލިނިކްތައް ބަލަމުން ދާއިރު ސޯޝަލް މީޑިއާގައި ވެސް ފޮޓޯ އާންމުކޮށް އެއްވެސް މީހަކަށް އެއިން ހައްޖާޖީއަކު ފެނިފައިވޭތޯ އަހައި އެހީއަށް ދަނީ އެދެމުންނެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.