މިފަހަރުގެ ޙައްޖުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، ހޫނު ގަދަ މާޙައުލެއްގައި ހައްޖުވެރިންގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާ އާއި ޙިއްސާ ކުރެއްވި މެސެޖެއްގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރުގެ ޙައްޖަކީ، އެންމެ ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރި ފަހަރު ކަމަށެވެ. އަދި މިފަހަރުގެ ޙައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި، ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޙައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތައް ގެންދެވުނުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރު ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމުގައި ރަސްމީ ކޯޓާ އަދި ޚާއްޞަ ކޯޓާ ހިމެނޭހެން 1150 މީހުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔައެވެ. ވަޒީރު ވިދާޅުވީ އެންމެ ބޮޑަށް އިސްކަމެއް ދެއްވީ، ހޫނު ގަދަ މާޙައުލެއްގައި ޙާޖީންގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މިފަހަރުގެ ޙައްޖުގައި 100 އެއްހައި ދިވެހި ޙާޖީން މަގު އޮޅުނު ނަމަވެސް، ލޮކޭޓިން ޑިވައިސްގެ ޒަރީއްޔާއިން ފަސޭހައިން ހޯދައިގަނެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަހަރު ޙައްޖު މިޝަންގެ އިންތިޒާމުތައް ރަނގަޅު ނަމަވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަންވެސް ހުރި ކަމަށެވެ. މިގޮތުން މިނާގެ ޓެންޓުތަކުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަން މެދުވެރި ސަބަބުތައް ބަލައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިފަހަރު ރާއްޖޭގެ ޙައްޖު މިޝަނަށް އެހީތެރިވި ފަރާތްތަކަށް ވަޒީރު ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. މިއަހަރުގެ ޙައްޖު މިޝަންގައި ޙައްޖާޖީންނަށް އެހީވުމަށް، ޙައްޖުގެ ކޯޕަރޭޝަންގެ ފަރާތުން ދިޔަ އެހީތެރިންގެ އިތުރުން ސަޢޫދި ޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.