ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހަހެޅި ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން މިއަދު ބުނި ގޮތުގައި އިގުތިސާދު ސިންދަފާތު ކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންގެންދަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވެސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ބައެއް ފިޔަވަޅުތައް އަޅައި، ބައެއް ކަންކަން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޚަރަދުތައް ފޫބައްދާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ނިންމައިފަ އެވެ.
މިއަދު އެކަމަށްޓަކައި ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. މި ބައްދަލުވުމަކީ އީދު ބަންދުގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.
އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ “ހިތި ބޭސް ސިޓީއެއް އޮތިއްޔާ” އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ ފިނޭންސް މިނިސްޓްރީއަށް އިލްތިމާސް ކުރައްވައިފަ އެވެ.