ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ
މިއަދު މާފުށީ ޖަލުގައި ހުއްޓާ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) އެވެ.
ކަރެކްޝަން ސާވިސް އިން ބުނީ މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައި ކަމަށެވެ. އެހެންކަމުން އޭނާ އަށް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށާފައިވާކަމަށްވެސް ބުނެފައި ވެއެވެ. އަދި 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައި ކަމަށްވެސް އެ ސާވިސްއިން ހާމަ ކޮށްފައި ވެއެވެ.
“މީނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް. މީނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް” ކަރެކްޝަންސް
މުޙައްމަދު ޖަމީލް ނިޔާވުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.
ފުލުހުން ބުނީ މި މަރާ ގުޅޭ ގޮތުން ފުލުހުންނަށް ރިޕޯޓް ލިބުމާއެކު ފުލުހުންދަނީ މައްސަލަ ތަހުގީގް ކުރަމުން ކަމަށެވެ.