އީދު ބަންދަށް މެދުކަނޑާލާފައި އޮތުމަށްފަހު އޮޕަރޭޝަން ކުރނަގި އަނެއްކާ ފަށައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ބުނީ މާފުށީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށްވެސް ބުނެފައި ވެއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން ޢީދު ބަންދުގެ ކުރިން މާފުށީގައި ތިބީ 805 ބިދޭސީން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އޮޕަރޭޝަން ކުރަނގިއަކީ ރާއްޖޭގައި އުޅޭ ގިނައަހަރުތަކެއް ވެފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފެށި މުހިންމު މަސައްކަތެކެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންވިދާޅުވީ ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ސެކިއުރިޓީ ކޮންސާނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އިޙްސާން ވިދާޅުވީ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ކައުންސިލްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ދާޚިލީ ވުޒާރާގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސްވެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދާނެ ކަމަށެވެ. އަދި ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.