ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ކުދިންނާ ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ޔުނިސެފަށް ދެއްވި މެސެޖެއްގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިން ރަނގަޅު ގޮތަށް ތަރުބިއްޔަތު ކުރާނަމަ އެ ކުދިންނާ ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެ ގުޅުން ބަދަހިކުރުމަށްޓަކައި ތަފާތު އުމުރުފުރާގެ ކުދިންނާއެކީގައި ތަފާތު ގޮތްގޮތަށް އެ ގުޅުން ބަދަހިކުރަންޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް ކުޑަކުއްޖަކާ އެކީގައި ގުޅުން ބަދަހިކުރާ ނަމަ އެ ކުއްޖާގެ ފަންތީގެ ހަރަކާތްތަކުގައި އެ ކުއްޖާއާ އެއްކޮށް ބައިވެރިވާންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
“ވަކިން ހާއްސަކޮށް މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާމެދުގައި އޮންނަ އިތުބާރު އުފެދުނު ވަރަކަށް އެ ގުޅުން ބަދަހިވެގެން މި ދަނީ. އެކަމުގެ ސަބަބުން އިތުބާރާއެކީގައި މާހައުލުގެ ތެރޭގައި ފެންނަ ނޭދެވޭ ކަންތައްތަކުން އެ ކުދިން ސަލާމަތް ކުރުމަށްޓަކައި ވަރަށް ބޮޑަށް އެހީތެރިކަން އެބަ ލިބޭ. އެއީ ކުދިން އެންމެ އިތުބާރު ކުރަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންކަމުގައި ވަނީ ނަމަ އެ ކުދިން މާހައުލުން ފެންނަ ކޮންމެ ކަމަކަށް އެއަށް ދިއުން އެބަ ކުޑަކުރެވޭ،” ސާޖިދާ ވިދާޅުވިއެވެ.