ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމުގެ މަތިން ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން އިސްނަގައިގެން، ރާއްޖޭގެ އެހެން މީޑިޔާތަކާވެސް ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯނުން ހޯދުނު 19 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ހަވާލުކޮށްފިއެވެ.
ޓެލެތޯނުން ލިބުނު ފައިސާގެ ރަމްޒީ ޗެކު ހަވާލުކުރެއްވީ، މިއަދު ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވުނު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
ފާއިތުވި ޖޫން މަހުގެ 12 ވަނަ ދުވަހު، މިޓެލެތޯން ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޒީނާ ވިދާޅުވީ، ޓެލެތޯންގެ ހުރިހާ ކަމެއް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިގޮތުން، މިނިވަން އޮޑިޓަރެއްގެ ބެލުމުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ދެއްވި އެހީތެރިކަން ޒީނާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްއަށް އެ ޓެލެތޯން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރެއްވުމާއެކު ޒީނާ ވިދާޅުވީ ހާއްސަ ގޮތެއްގައި ވީޓީވީ، އަސްލުޓީވީ، ރާއްޖެ ޓީވީ، އެންޓީވީ، ސަންޓީވީ، ދިވެހިޗެނަލް، ޓީވީއެމް، އަދި ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު އަދި އޮންލައިން ނޫސްތަކުންވެސް އެ ޓެލެތޯންގެ މައުލޫމާދު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވެދިން އެހީތެރިކަމަށާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޓެލެތޯނުން ލިބުނު ފައިސާ މިއަދު ފޮރިން މިނިސްޓްރީއާ ހަވާލު ކުރި އިރު، މި ފައިސާ، ފަލަޞްޠީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ، ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.