ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅަން އަންގައިފިއެވެ.
މިވަގުތު ރާއްޖޭގައި އޮތް އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ޖޭއެސްސީގެ ޙަރަދުތައް ކުޑަކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ. ޖޭއެސްސީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއިޝަތު ރިޒްނާ ސޮއިކުރައްވައި ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހަރަދު ކުޑަކުރަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.
ހަރަދާ ގުޅޭ ގޮތުން ޖޭއެސްސީން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގާ ޓްރެއިނިންތައް ފިޔަވައި އެހެން ޕްރޮގްރާމްތައް މަޑުޖައްސާލުމަށް ވެއެވެ. އަދި ކޮންމެހެން ނުކުމެ ކުރަންޖެހޭ މަސައްކަތްތައް ވެސް ސުޕަވައިޒަރުގެ ހާއްސަ ހުއްދައާއިއެކު ކުރުމާއި ސުޕަވައިޒަރުން އިތުރުގަޑި މޮނިޓަރކުރަންވެސް ވަނީ އަންގާފައެވެ. އަދި އާ މުވައްޒަފުން ވަޒީފާއަށް ނުނެގުން ވެސް އެ ސިޓީގައި ވަނީ ހިމަނާފައެވެ.
އަލަށް ފަނޑިޔާރުން ވަޒީރާއަށް ނެގުމާއި އާ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުތައް ނުބޭއްވުމާއި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ފަނޑިޔާރުން ދިގުމުއްދަތުގެ ކޯސްތަކަށް ދޫނުކުރުންވެސް ހިމަނާފައެވެ.

