ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގ ސަރވިސް އަމަލީގޮތުން މިއަންނަ މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މިނިވަންދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ޚިދުމަތް ފެށޭތާ ފުރަތަމަ އަހަރުގެ ތެރޭގައި ޖީ.ޑީ.ޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގެ ދަރަނި ކުޑަކުރެވި، ދައުލަތަށް އާމުދަނީ އިތުރުވެ، އިތުރު ވަޒީފާތައްވެސް އުފެދޭނެކަމުގައެވެ.
ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ރާއްޖޭގައި ހެއްދޭ ތަކެތި އިތުރުކުރުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ޤާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓުކަމުގައި ފާހަގަކުރައްވައި، ސޯލާ ސިޓީއެއް ޤާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވަކި ވަކި ވިޔަފާރިތަކަށްވެސް ފައިދާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވައި، ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައިސް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށާއި އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ހިނގައްޖެކަން ހާމަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވާނެކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅުކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އިނގިރޭސިވިލާތާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމުގެ އުންމީދުވެސް ވަނީ އައުކުރައްވާފައެވެ.